ޚަބަރު

މިނިސްޓަރ ޠޯރިޤް ކަޒަކިސްތާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މެދުތެރޭ އެޝިއާގެ ބައެއް ޤައުމުތަކަށް، މިނިސްޓަރ އޮފް އެންވައިރޮމެންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަޒަކިސްތާނުގެ ފޮރިން މިނިސްޓަރ ޚައިރަތު އަބްޑްރަޚަނޯވްއާ ބައްދަލުކުރައްވައިފިއެވެ.

ކަޒަކިސްތާންގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ރާއްޖެއާއި ކަޒަކިސްތާނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމާއި ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއިބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ކަޒަކިސްތާނުން ރާއްޖެއަށް ވެދެމުންދާ އެހީތަށް ފާހަގަކުރައްވާ، އެކަމަށްޓަކާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް އެންވައިރޮމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ބައިނަލްއަޤްވާމީ މައިދާނުގައި އަދި ވަކިން ޚާއްޞަކޮށް އދ ގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޠޯރިޤް އިބްރާހީމް ގެ އިތުރުން ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ސުޒިލް ބައިވެރިވެވަޑައިގެންނެވިއެވެ.