ޚަބަރު

ދެކުނު ކޮރެއާގެ ގްލޯބަލް ގެދަރިން ފެސްޓިވަލް 2018ގައި ރާއްޖެއިން ބައިވެރިވެއްޖެ


ދެކުނު ކޮރެއާގެ ގްލޯބަލް ގެދަރިން ފެސްޓިވަލް 2018ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ބުސާންގައި ކުރިޔަށްދިޔަ މިފެސްޓިވަލްގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާގެ ޓީމަކާއި ދެކުނު ކޮރެއާގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސިއުލޭޓްވަނީ ބައިވެރިވެފައެވެ.

ތިރީސް ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި މިފެސްޓިވަލްގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގިނަ ޕްރޮމޯޝަނަލް މެޓީރިއަލް ބަހާފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

ގްލޯބަލް ގެދަރިން ފެސްޓިވަލަކީ ބުސާން މެޓްރޮޕޮލިޓަން ސިޓީ، ބުސާން ފައުންޑޭޝަން ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން އަދި ބުސާން އިމިގްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ފެސްޓިވަލެކެވެ.

އެމްއެމްޕީއާރުސީއިން ބުނީ މިފެއަރގައި ބައިވެރިވެ ކުރެވުނު މަސައްކަތުން، ދެކުނު ކޮރެއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ދެކުނު ކޮރެއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 މާކެޓުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. 2017ވަނަ އަހަރު އެކަނިވެސް ދެކުނު ކޮރެއާއިން ރާއްޖެއަށް 34808 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ 2016ވަނަ އަހަރަށްވުރެ 17.7 އިންސައްތަ އިތުރު އަދަދެކެވެ.