ޚަބަރު

ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި



ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ ޢިލުމުވެރިޔާ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް އިސްލާމިކް މިނިސްޓްރީގައި ހުޅުވައިފިއެވެ. މި ދަފްތަރު ހުޅުވައިދެއްވީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއެވެ.
މި ތަޢުޒިޔާގެ ދަފްތަރުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާ ވަނީ ލިޔުއްވާފައެވެ. އާއްމުންނަށްވެސް ހުޅުވާލައިފައިވާ މި ދަފްތަރު މިމަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ދިހައަކުން ބާރައަށް ހުޅުވާފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ދަފުތަރުގައި ލިޔުއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ ޑރ. ޢަބްދުލްމަޖީދު އަބްދުލްބާރީ ދުނިޔެއާއި ވަކިވެގެންދިޔުމަކީ ޤައުމަށް ލިބިގެންދިޔަ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއްކަމަށެވެ. މިނިސްޓަރ ޒިޔާދު ވިދާޅުވީ ޑރ މަޖީދަކީ ރާއްޖެއާއި ބޭރު ދުނިޔޭގައިވެސް ދީނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނު އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އިސްލާމުދީން ހިމާޔަތްކޮށް ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން އާ ކަންތައްތައް ޑރ މަޖީދު ފައްޓަވާފައިވާކަންވެސް މިނިސްޓަރ ޒިޔާދު ފާހަގަކުރެއްވިއެވެ. އަދި ޑރ މަޖީދަކީ އިލްމީ ގޮތުން ޤާބިލް އަދި ރާއްޖެ ދުށް އެންމެ ޤާބިލު އެއް ދީނީ ޢިލްމުވެރިޔާކަންވެސް މިނިސްޓަރ ފާހަހަގަކުރެއްވިއެވެ.

"ޢިލްމީ މާހައުލެއްގައި، އަމާން މުޖުތަމަޢުއެއްގައި، ވަރަށް އެކުވެރި މާހައުލެއްގައި ކިޔެވުމުގެ ފުރުޞަތު ޑރ.މަޖީދަށް ލިބިގެންދިޔަ. އެފުރުޞަތު އެމަނކުފާނު ބޭނުންކުރެއްވި. ރާއްޖެއަށް ފޫނުބެއްދޭވަރުގެ ޢިލްމީ ޚަޒާނާއެއް ގެއްލިގެން އެދިޔައީ. ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެވަރުގަދަ ދެ ޢިލްމުވެރިންގެ ތެރޭގައި ޑރ. މަޖީދު ހިމެނެވަޑައިގަންނަވާ." ޑރ. ޒިޔާދު ވިދާޅުވިއެވެ.

ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވެފައިވަނީ މިދިޔަ ހޯމަދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. މަރުޙޫމް ޑރ.ޢަބްދުލް މަޖީދު ޢަބްދުލްބާރީއަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުއެވެ. ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 55 އަހަރުއެވެ.