ޚަބަރު

މަރުޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މައްޗަށް ޣައިބަށް ކަށު ނަމާދުކޮށްފި


އިއްޔެ އަވަހާރަވި، ކުރީގެ އިސްލާމިކް މިނިސްޓަރ އަލްމަރުޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މައްޗަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކޮށްފިއެވެ. މިރޭ އިޝާނަމާދަށްފަހުކުރި ކަށުނަމާދުގައި ގިނައަދަދެއްގެ މީހުން ބައިވެރިވިއެވެ. އިސްލާމީ މަރުކަޒުގައި ކުރި ކަށު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ އިތުރުން މިއަދުގެ މަޣްރިބް ނަމާދަށް ފަހު، މައްކާގެ މަސްޖިދުލް ހަރާމްއާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން ތާއިފްގެ މިސްކިތުގައި ވެސް މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރިއެވެ.

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ އަލްމަރުޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހާލު ސީރިއަސްވެ ލަންކާގައި ފަރުވާދެމުންދަނިކޮށް އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނު ފަސްދާނުލާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ސްރީލަންކާގެ ޖަވާތާ މުސްލިމް ގަބުރުސްތާނުގައެވެ. އަލްމަރުޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ޖަނާޒާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިސްލާމިކް ޔުނިވަރަސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދާއި ޑރ. މަޖީދުގެ އާއިލާގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދަކީ ތަފްޞީރު ޢިލްމުން ޕީއެޗްޑީ ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ކީރިތި ޤުރުއާނާއިބެހޭ މަރުކަޒު އުފެއްދުމުން އެ މަރުކަޒުގެ ފުރަތަމަ ރައީސްކަންވެސް ކުރެއްވި ޑރ. މަޖީދު އަވަހާރަވިއިރު އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.