ޚަބަރު

ރާއްޖެއާއި ތުރުކުމެނިސްތާނު ދެމެދުއޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި


އިޤްތިސާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ރޮގުން ތުރުކުމެނިސްތާނު ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ. މިމަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް ތުރުކުމެނިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ފޮރިން މިނިސްޓަރ ރަސިތް މެރެޑޮވްއާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.

ތުރުކުމެނިސްތާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޠާރިޤުވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ތުރުކުމެނިސްތާނުގެ ސަރުކާރާ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ރައްދުކުރައްވާފައެވެ. އަދި މިނިސްޓަރ ޠާރިޤާއެކު ތުރުކުމެނިސްތާނަށް ވަޑައިގެންނެވި ވަފުދަށް އެ ޤައުމުގެ ސަރުކާރުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށް މިނިސްޓަރ ވަނީ ތުރުކުމެނިސްތާނުގެ ފޮރިން މިނިސްޓަރަށް ޝުކުރުއަދާކުރައްވާފައެވެ.

ދެ މިނިސްޓަރުންގެ މެދުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ތުރުކުމެނިސްތާނާއި ރާއްޖެއާ ދެމެދު ޤާއިމްވެފައިވާ ދޭދޭ ގުޅުމަށް 25 އަހަރުފުރިފައިވާއިރު މިގުޅުން ބަދަހިވެފައިވާ މިންވަރާ، އިތުރަށް މިގުޅުން ހަރުދަނާ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މުހިންމު މަޝްވަރާތައްކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިގޮތުން އިޤްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެ އާއި ތުރުކުމެނިސްތާނާއި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ދެ ބޭފުޅުން ކުރެއްވިއެވެ. މީގެއިތުރުން އދ ފަދަ އޯގަނައިޒޭޝަންތަކުގައިކުރާ މަސައްކަތުގައި އެއްޤައުމު އަނެއްޤައުމަށް ދޭ އެއްބާރުލުން ހަރުދަނާކުރުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކޮށްފައިވެއެވެ.