ޚަބަރު

ނަޝީދަށް ޕްރައިމަރީގެ ފުރުސަތު ދީފިނަމަ އެމްޑީޕީއާމެދު ފިޔަވަޅު އަޅާނަން - އީސީ


ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގެ ކިބާގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަނުވާ ބޭފުޅަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުޞަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާރސަން ޙަސަން ލަތީފަށް އެޑްރެސްކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ފޮނުވާފައިވާ ސިޓީގައިވަނީ، އެމްޑީޕީގެ ޕްރައިމަރީގައި ގ.ކެނެރީގެ މުޙައްމަދު ނަޝީދު ބައިވެރިވާނެކަމަށް ބަޔާންކޮށް ސޯޝަލްމީޑިއާއާއި އެޕާޓިގެ އެކްޓިވިސްޓުން މެދުވެރިކޮށް މާލެއާއި އަތޮޅުތަކުގައި ޚަބަރު ފަތުރަމުންދާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނނަށް ލިބެމުންދާކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޭރަ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ބޭފުޅެއްކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަންގެ ސިޓީގައިވަނީ އެ ނިންމުމަކީ ސައްޙަ ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާތީ ނަޝީދަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން އެ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތުތައް އުނިވެފައިވާ ބޭފުޅެއްކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި، ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގައި މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި، އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު، ޙުކުމެއް ތަންފީޒްކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެންނުވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ނަޝީދަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒްކުރަމުންގެންދާ ބޭފުޅެއްކަމަށްވާތީ، އެ މުއްދަތުގައި ނަޝީދަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ހައްޤު ގެއްލިފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ފޮނުއްވި ސިޓީގައިވެއެވެ.

މީގެ އިތުރުން އެފަދަ ފަރާތެއް ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއް އެ ކޮމިޝަނުން ބަލައިނުގަންނާނެވާހަކަވެސް އެ ކޮމިޝަނުން ވަނީ އެމްޑީޕީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާ ބޭފުޅަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެނޑިޑޭޓެއްގެ ޙައިސިއްޔަތުން ކުރިމަތިލުމުގެ ފުރުޞަތު ދިނުމާއި، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ބޭފުޅަކަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި، ޤާނޫނު އަސާސީއާވެސް ޚިލާފް އަމަލެއްކަމަށާ އެފަދަ ކަމެއް ކޮށްފިނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އެ ޕާޓީއާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އިލެކްޝަންސް ކޮމިޝަނުނ ވަނީ އެމްޑީޕީޢަށް ދީފައެވެ.