ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަން އެންމެ ބޮޑީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށެވެ. އެންވަރަމެންްޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ޖީޑީޕީގެ %89 ޙިއްސާކުރަނީ ސީދާ ދިރޭތަކެރީގެ ނަސްލުގެ މައްޗައް ބިނާވެފައިވާ ދާއިރާތަކުންނެވެ. އެހެންކަމުން މިއަދު ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރަމުންދާއިރު، އެ ނަސްލު ޙިމާޔަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ މުހިންމު ޒިންމާއެކެވެ.
ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުގެ ދުވަސް ނުވަތަ "ބަޔޯ ޑައިވަރސިޓީ ދުވަސް" ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 22 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ އިންސާނުންގެ ދިރިއުޅުމަށް ވަށައިގެންވާ ތިމާވެއްޓާއި، ތިމާވެށީގައި ދިރިއުޅޭ ތަކެތީގެ މުހިންމުކަން މީހުންގެ ސަމާލުކަމަށް ގެނައުމަށް މީގެ 25 އަހަރު ކުރިންނެވެ.
އެންވާރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ މިދުވަސް ފާހަގަކުރަނީ ތިމާވެށީގެ މުހިންމުކަން މުޖުތަމަޢުއަށް އަންގައިދީ، ވަށައިގެންވާ ދިރޭތަކެތި ހިމާޔަތްކުރުމުގެ މުހިންމުކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުންކަމަށެވެ. ޒާހިރު ވިދާޅުވީ ތިމާވެށީގައި ހިމެނޭ ދިރުންތަކަކީ އެކަތި އަނެކައްޗާއި ގުޅިލާމެހިފައިވާ ދިރުންތަކެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެންމެ ފުޅާ ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމަށް ބަލާލުމުންވެސް މި ދެ ސިނާއަތުގައި ހިމެނޭ ގުދުރަތީ ދިރުންތައް ގުޅިލާމެހިފައިވާ މިންވަރު ހާމަވާނެކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަރުތަކާއި، ރީތި ދޮންވެލި ގޮނޑުދޮށާއި، ގަސްގަހާގެހީގެ ދިރުންތައް ރައްކާތެރި ނުކުރާނަމަ މުޅި ދުނިޔެއަށް މަޝްހޫރު ރާއްޖޭގެ ފަތުރުވެރިކަން ދެމި ނޯންނާނެކަން ޒާހިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސްވެރިކަމުގައި އެން އާލާވާ ފަރުތަކަށް ގެއްލުންދެވޭނަމަ މަސްވެރިކަމަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޒާހިރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ އަށްޑިހަ ނުވަ އިންސައްތަ ސީދާ ގޮތެއްގައި ގުޅިފައިވަނީ ވަށައިގެންވާ ދިރުންތަކާއި، ތިމާވެށިން ހޯދާ މަންފާއަށްކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ %98 ޙިއްސާކުރަނީވެސް ގުދުރަތީ ދިރުންތަކުގެ މައްޗައްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަތްދިހަ އެއް އިންސައްތަ ވަޒީފާގެ ފުރުސަތަކީވެސް މި ދާއިރާގެ ތެރެއިން އުފެދިފައިވާ ވަޒީފާކަން ޒާހިރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫންކަމަށާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގައި މުޖުތަމަޢުގެ ޒިންމާވެސް ބޮޑުކަމަށެވެ. އޭނާ ވިދާޅުވީ ތިމާވެއްޓާމެދު މީހުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީއިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް ހިމާޔަތް ކޮށްފައިވާ ދޫނިތަކާއި ގުޅޭ މަޢުލޫމާތުތައްވެސް އާއްމުކުރާނެކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.