ޚަބަރު

ކަނޑުގެ ދިރުންތަކަށް ޕްލާސްޓިކްގެ ބިރު ވަރަށްބޮޑު - މިނިސްޓަރ ޠާރިޤް


އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެއިން އެތައް ދިރުންތަކެއް ނެތިގެން ގޮސްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ފަރުތަކާއި، ކަނޑުގެ ދިރުންތައް ޙިމާޔަތް ކުރުމުގައި މިހާރަށްވުރެ ބޮޑަށް ކޮންމެ މީހަކުވެސް ސަމާލުވާން ޖެހޭކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާއި ގުޅިގެން ނެރުއްވި ޚިޠާބުގައެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ ތިމާވެއްޓަކީ ދިވެހިންނަށް ލިބިފައިވާ ޚަޒާނާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިހާރު ހުރި އެކިއެކި ގުދުރަތީ ދިރުންތައް އަންނަންއޮތް ޖީލުތަކަށް މިގޮތުގައި ފޯރުކޮށްދިނުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ޚިތާބުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވަނީ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމަށެވެ.

ކަނޑުގައި ދިރިއުޅޭ މަސްމަހާމެހީގެ ދިރުންތަކުގެ ތެރެއިން ދުނިޔޭގެ ނިސްބަތުންވެސް ފެހުރިހި އެންމެ ގިނައިން ފެންނަ އެއްޤައުމަކީ ރާއްޖެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުތަކުން ފެންނަ، ފެހުރީގެ ނަސްލު ދެމިއޮތުމަށް ކުރިމަތިވެފައިވާ ހުރަހެއްގެގޮތުގައި ކަނޑަށް އެޅޭ ޕްލާސްޓިކް ވެފައިވާކަމަށެވެ.

އަދި މީގެ އިތުރުން ކުނީގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުމަކީ ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތައް މަދުވުމަށްވެސް ކުރިމަތިވާކަމެއްކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދިރޭތަކެތީގެ މާޙައުލާއި ދިރުންތައް، އެންމެންގެ އެއްބާރުލުމާއިއެކު އަންނަންއޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.