ޚަބަރު

ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގެ ދުވަސް : މަޒުމޫނު މުބާރާތުން 1 ވަނަ ޝައުނާ ރަޝީދަށް


ދުނިޔޭގެ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގެ ދުވަހާ ގުޅުވައިގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ އެއްވަނަ ށ.މަރޮށި އަލްމަދަރަސަތުލް މުނައްވަރާގެ ދަރިވަރު ޝައުނާ ރަޝީދު ހޯދައިފިއެވެ. މި މުބާރާތަކީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ތިމާވެއްޓާމެދު ހޭލުންތެރިކުރުވައި، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމުގައި ޒުވާން ޖީލުގެ ދައުރު ފުޅާކުރުމަށް ބޭއްވި މުބާރާތެކެވެ.

ދުނިޔޭގެ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގެ ދުވަހާގުޅުވައިގެން އެންވަޔަރަމެންޓް މިނިސްޓްރީންވަނީ ތަފާތު ޙަރަކާތްތައް ހިންގާފައެވެ. އެމިނިސްޓްރީން ނެރެމުން އަންނަ "ޕެންފިޝް" މަޖައްލާގެ މި ފަހަރުގެ ޢަދަދުވެސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގެ ދުވަހަށެވެ. ޕެންފިޝްއަކީ އެދުވަސްވަރެއްގައި ތިމާވެއްޓާއި ގުޅޭގޮތުން އެންމެ ގިނައިން ދެކެވޭ ވާހަތަކާއި އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން ނެރެމުން އަންނަ މަޖައްލާއެކެވެ.

ދުނިޔޭގެ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގެ ދުވަހަށް "ޕެންފިޝް" މަޖައްލާ ޚާއްސަކޮށްފައިވާއިރު މި ފަހަރުގެ ޢަދަދުގައިހިމެނޭ މަޒުމޫނުތަކީ ސްކޫލްތަކަށް ހުޅުވާލި މުބާރާތެއްގެ ތެރެއިން އެންމެ ރަގަޅު މަޒުމޫނުތަކެވެ. މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ށ.މަރޮށި އަލްމަދަރަސަތުލް މުނައްވަރާގެ ދަރިވަރު ޝައުނާ ރަޝީދެވެ. ވަނަވަނައަށް ދިޔަ ދަރިވަރުންނާ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޒިޔާދު ވިދާޅުވީ ރާއްޖެފަދަ ޤައުމަކަށް ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. ދިރޭތަކެތީގެ ނަސްލާއި، ރާއްޖޭގެ އިޤްތިސާދަކީ ގުޅިލާމެހިފައިވާ ދެކަންކަމަށާއި ކެއިން ބުއިމުގެ އިތުރުން ރާއްޖޭގެ ރަށްތައް ރައްކާތެރިކަމާއިއެކު އޮތުމަށް ފަރުތަކާއި، ރަށުގެ ވަށައިގެންވާ ތިމާވެށީގެ މުހިއްމުކަންވެސް ޒިޔާދު ފާހަގަކުރެއްވިއެވެ.

އެންވާރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދު އެންމެ ބޮޑަށް ބިނާވެފައިވާ ދެ ދާއިރާ ފަތުރުވެރިކަމާއި، މަސްވެރިކަން ބިނާވެފައިވަނީ ދިރޭތަކެތީގެ ނަސްލުގެ މައްޗަށްކަމަށާއި ނަސްލު ޙިމާޔަތްނުކުރާނަމަ މި ދެ ދާއިރާ ނޯންނާނެކަމަށެވެ.