ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން، ބިން ދޫކުރީ ޤަވާޢިދާ ޚިލާފަށް - ހައުސިން މިނިސްޓްރީ


އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީގެ އެކި ރަށްރަށުން މިހާރު ބިން ދޫކުރަމުންދަނީ ޤަވާއިދާޚިލާފަށްކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން އެކަން ކުށްވެރިކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޔުނިޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯރޑިނޭޓަރ ޢަބްދުﷲ ޒުހައިރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު އެކި ބޭނުންތަކަށް ބިން ދޫކުރަމުންދާ ކަމުގެ ޚަބަރު މީޑިއާ މެދުވެރިކޮށް ލިބެމުންދާ ކަމަށާ އެކައުންސިލުން އެކަންކުރަމުންދަނީ ޤަވާއިދާއި އުސޫލުތަކާ ޚިލާފަށްކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް އޭނާވަނީ އައްޑޫސިޓީ ކައުންސިލަށް ގޮވާލާފައެވެ.

"ދާދިފަހުން އައްޑޫ ސިޓީ ކައުންސިލުން ބިން ދޫކުރަން އިޢުލާން ކުރީމަ އަޅުގަނޑުމެން ދެންނެވި ކައުންސިލްގައި ހައުސިން މިނިސްޓްރީއާ ގުޅިގެން ތިކަން ކުރުމަށް. ކައުންސިލުންވެސް ބިން ބޭނުންވެއްޖެ ކަމަށްވާނަމަ ހައުސިން މިނިސްޓްރީއަށް ލިޔުއްވައިގެން ހުއްދަ ހޯއްދަވާ،" ޒުޙައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ހައުސިން މިނިސްޓްރީން އައްޑޫސިޓީ ކައުންސިލަށް އެންގި އެންގުމާ ޚިލާފަށް އައްޑޫސިޓީން ބިން ދޫކޮށްފައިވާކަމަށާ، އައްޑޫ ސިޓީގެ ބިންތައް ދޫކުރެވޭނެ ގޮތްތަކާއި އުޞޫލުތައް، ޤަވާޢިދާ ޚިލާފަށް ދޫކުރި ބިންލިބުނު ފަރާތަކަށް ހައުސިން މިނިސްޓްރީގެ ފަރާތުން ހާމަކޮށްދީފައިވާނެކަމަށެވެ.

"ކައުންސިލުން އެފަދަ ކަމެއް ކުރި ކަމަށްވީނަމަވެސް ހައުސިން މިނިސްޓްރީގެ ހުއްދަނެތި ދޫކުރި ބިމުގައި މަސައްކަތް ނުކުރުމަށާއި އެތަނުގައި މަސައްކަތް ކުރާ ކަމަށްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އަޅުގަނޑުމެން ވާނީ އެ ފަރާތަށް އަންގާފައި. މިކަން މިގޮތަށް އެންގުމުން، ބައެއް މީޑިއާތަކުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަތައް ޝާއިޢު ކުރަމުންދާތީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން." ޒުޙައިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގައި ވާގޮތުން ލާމަރުކަޒީ ޤާނޫނުގެދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޚިދުމަތްތައް ފިޔަވައި އެސިޓީގެ ސަރަޙައްދުގައި ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެމަތިން ކަމަށްވެސް ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާހުގައި ވަނީ ބުނެފައެވެ.