ޚަބަރު

އުއްމީދަކީ މި ޤާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރެއް ދިފާއުކުރައްވާނެ ވެރިޔަކަށް ރައީސް ޔާމީން ހެދުން - ސައީދު


އުއްމީދަކީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރެއް ދިފާއުކުރައްވާނެ ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް 5 އަތޮޅަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އިއުލާންކުރުމަށް މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޕީޕީއެމްގެ އަމާޒަކީ ބޮޑު އަޣްލަބިއްޔަތަކުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުންކަމަށެވެ. އަދި ޕީޕީއެމުން ކުޑަ ނަތީޖާއަކަށް އުއްމީދު ނުކުރާކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ ފުރަތަމަ ފަހަރަށް ދެވަނ ޓާރމެއް ފުރަތަމަފަހަރަށް މި ޤާނޫނު އަސާސީގެ ދަށުންވެސް ސެކިއުއަރ ކުރާ ރައީސް އަކީ ރައީސް ޔާމީންކަމަށް ވެގެންދިއުން. ވަރަށް ބޮޑު އަޣްލަބިއްޔަތަކުން އެމަނިކުފާނު ހޮވިވަޑައިގަތުން. އަޅުގަނޑުމެން ޓާރގެޓެއްނުކުރަން ކުޑަކުޑަ ނަތީޖާއަކަށް. އަޅުގަނޑުމެން ޓާރގެޓްކުރަނީ ބޮޑު ނަތީޖާއަކަށް. ކުރިން ރާއްޖޭގެ ވެރިން ޤައުމަށް އިޙްމާލްވެފައި އޮތަސް މި ސަރުކާރުން އެންމެ ގާތުން ބައްލަވާ ކަންކަން އޮޅުންފިލުވާ ހައްލުކޮށްދޭނަން". ސައީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ، ރައީސް ޔާމީނާއި ވާދަކުރެވޭނެ އެއްވެސް ކެނޑިޑޭޓެއް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭނެކަމަށެވެ. އިދިކޮޅުން ކޮންމެ ކެނޑިޑޭޓެއް ނެރުނުކަމުގައި ވީނަމަވެސް ރައީސް ޔާމީން އެ ކެނޑިޑޭޓެއް ބަލިކުރާނެކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޤައުމަށް ގެންނަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުން އެމަނިކުފާނު އިތުރު ދައުރަކަށް ހޮވުމަށް ކުރާ ކެމްޕެއިނަށް އިތުރު ފަސޭހަކަމެއް ލިބިގެންގޮސްފައިވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

''ރައީސް ޔާމީނާ ޗެލެންޖުކޮށްލެވޭވަރުގެ ކެނޑިޑޭޓެއް ނާންނާނެ. ނުވެސްދެއްކޭނެ. ކޮންމެ މީހަކު ނިކުތްކަމުގައިވީނަމަވެސް ބަލިކުރެވޭނެ. އެކަން މެޑަމް ފާތުން އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުންވެސް އެނގިގެން އެބަދޭ. މިހާތަނަށް އަށްޑިހާ ހަހަށްވުރެ ގިނަ ވޮލަންޓިއަރުން ވަނީ ރަޖިސްޓްރީކޮށްފައި ކެމްޕެއިން ކޮށްދިނުމަށް. މޫސާ މަނިކު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން މި ފަހަރު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަށްސަތޭކަ މީހުންނަށްވުރެ ކުދި އާބާދީތައް ދިރިއުޅޭ ރަށްތަކަށްކަމަށެވެ. އެގޮތުން ށ.ބ.ރ.ވ. އަދި އދ. އަތޮޅުގެ އާބާދީ މަދު ގިނަ ރަށްތަކަކަށް ދަތުރުކުރާނެކަމަށާއ މިކަމުގެ ބޭނުމަކީ ރަމަޟާންމަހުވެސް ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކޮށް ރައްޔިތުންގެ ހާލު ބެލުންކަމަށްވެސް ޕީޕީއެމުން ބުނެއެވެ.