ޚަބަރު

މަޓާޓޯ "މޯލްޑިވިއަން ނައިޓް" ކާމިޔާބުކަމާއެކު ނިންމާލައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓޯޓޯ) އިން މޯލްޑިވިއަން ނައިޓްގެ ނަމުގައި އިންޑިއާގެ މުންބާއީގައި ހަރަކާތެއް ބާއްވައިފިއެވެ.

މަޓާޓޯއިން ބުނީ މިއީ އެ އެސޯސިއޭޝަނުން ޑެސްޓިނޭޝަން މާކެޓިންގ ކެންޕެއިންގެ ދަށުން މިއަހަރުގެ ތެރޭގައި އިންޑިއާއިން 1 ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގި ހަރަކާތެއްކަމަށެވެ.

މިމަހުގެ ތެރޭގައި މަޓާޓޯއިން ބޭއްވި "މޯލްޑިވިއަން ނައިޓް" އަށް ރާއްޖެއާއި އިންޑިއާ ހިމެނޭހެން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 200 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން އިންޑިއާގެ އެންމެ ވަރުގަދަ 150 ޓްރެވެލް އެޖެންޓުންނާއި ބައްދަލުވެ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން ވަނީ މި އިވެންޓްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ބައެއް ރިސޯޓްތަކަށްވެސް ދީފައެވެ. މި އިވެންޓްގެ ތެރެއިން ނެޓްވޯކިންގ ފުރުޞަތުތަކާއި، ރާއްޖެ ޝޯކޭސް ކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ވަނީ ލިބިގެންގޮސްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އިންޑިޔާގެ މާކެޓަށް ޙާއްސަކޮށްގެން ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް ނިންމީ އިންޑިއާގެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓަކަށް ވާތީކަމަށް މަޓާޓޯއިން ބުނެއެވެ.

2017 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 83،019 (އަށްޑިހަ ތިންހާސް ނަވާރަ) ފަތުރުވެރިންނެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް 19،435 (ނަވާރަހާސް ހަތަރުސަތޭކަ ތިރީސް ފަސް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.