ޚަބަރު

ބްރިޖްގެ މާލޭ ސައިޓް ހިމެނޭ ސަރަޙައްދުތަކުގެ މަގުތަކަށް ބަދަލު ގެންނަނީ!


"މާލޭ ރިންގް ރޯޑް ޑިވެލޮޕްމަންޓް" މަޝްރޫޢާއެކު، ބޮޑުތަކުރުފާނު މަގަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، ބޮޑުތަކުރުފާނު މަގުގައިވެސް 4 ލޭނަށް ވެހިކަލް ދުއްވޭނޭހެން އެ މަގު ފުޅާކުރުމެވެ. މި މަޝްރޫޢުގެ ދަށުން ބްރިޖްގެ މާލޭ ސައިޓް ހިމެނޭ ސަރަޙައްދުގެ މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ބްރިޖުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ވެރިރަށް މާލޭގެ މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން ބްރިޖާއެކު، މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކާ "މާލޭ ރިންގް ރޯޑް ޑިވެލޮޕްމަންޓް"ގެ ނަމުގައި ޙާއްސަ މަޝްރޫޢެއް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު މިހާރަށްވުރެ ފުޅާކޮށް، ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ މިހާރު 2 ލޭނަކަށް ދުއްވާ މި މަގު، 4 ލޭނަށް ބަދަލުކޮށް، މަގުގައި ތާރު އެޅުމެވެ.

މާލޭ ރިންގް ރޯޑުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ބްރިޖާވީ ސަރަޙައްދުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށްޓަކާ އެ ސަރަޙައްދުގައި ހުރި ބޮޑެތި ގަސްތައް ކަނޑާ، ޕޭވްމަންޓްގަލާއި، ކާނުތައް ނެގުމަށްފަހު އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ ބްރިޖްގެ މާލޭ ސައިޓުން ބައެއް ހުޅުވާލުމަށްފަހު، ބްރިޖަށް ފަސޭހައިން އަރައި ފޭބުމަށްޓަކާ ތައްޔާރުކުރަންޖެހޭ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވެސް ހައުސިންގ މިނިސްޓްރީން ކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، ބްރިޖެކޭ އެއްގޮތަށް އެމަގުގައިވެސް 4 ލޭނަށް މާލޭ ވަށައިގެން ދުއްވޭގޮތަށް އޮތުމުން، މަގު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

މާލޭ ރިންގ ރޯޑުގެ ޑިވެލޮޕްމަންޓުގެ ނަމުގައި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މާލޭ ރީ-ޑިވެލޮޕްމަންޓްގެ ޕްލޭންގެ ދަށުން މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގުކަމުގައިވާ މަޖީދީމަގުގައި ކުރިން ހުރި ގާތަށް ނަގައި، ސަރުކާރުން ވަނީ އެ މަގު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާފައެވެ.