ކުޅިވަރު

ބުންޑަސްލީގާ ޗެމްޕިއަން ބަޔާން ބަލިކޮށް އެއިންޓްރެޗް ޖަރުމަން ކަޕް ހޯދައިފި


ބުންޑަސްލީގާ ޗެންޕިއަން ބަޔާން މިއުނިކް ބަލިކޮށް، ޖާރުމަން ކަޕްގެ ޗެންޕިއަންކަން އެއިންޓްރެޗް ފްރެންކްފާޓުން ހޯދާއިފިއެވެ. އެޓީމުން މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި އެގާރަ ވަނަ މިނެޓުގައި ރެބިކް ވަނީ ލަނޑެއް ޖަހާ އެއިންޓްރެޗް ފްރެންކްފާޓަށް ލީޑު ނަގައިދީފައެވެ. ބަޔާނަށް ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކޮށްދިނީ ރޮބާޓް ލެވެންޑޮސްކީއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ދެވަނަ ފަހަރަށް އެއިންޓްރެޗަށް ލީޑް ނަގައިދިނީވެސް ރެބިކެވެ. އެއިންޓްރެޗް ފްރެންކްފާޓަށް ޖާރމަން ކަޕްގެ ތަށި ޔަގީންކޮށްދިން ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޔާޓް ގަޗިނޮވިޗެވެ.

އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ، މެޗުގެ ފަހުވަގުތު އުފެއްދި ކައުންޓަރ އެޓޭކްގައި ބަޔާންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި މެޗަކީ އެއިންޓްރެޗް ފްރެންފާޓުގެ ކޯޗު ނިކޯ ކޮވަކް އެޓީމަށް އިރުޝާދު ދިން ފަހު މެޗުކަންވެސް ފާހަގަކޮށްލެވެއެވެ. ކޯވަކް އަންނަ ސީޒަނުގައި ފެނިގެންދާނީ ބާޔާން މިއުނިކްގެ ކޯޗުގެ ގޮތުގައެވެ.