ޚަބަރު

ޕްރިންސް ހެރީ އާއި މޭގަން މާކަލް ކައިވެނިކޮށްފި


ދުނިޔޭގެ އެކި ކަނކޮޅުތަކުން އެތަށް މިލިއަން ބަޔަކު ވަގުތުން ބެލާފައިވާ ފަދައިން އިނގިރޭސިވިލާތުގައި ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފައި ވާއިރު މި ޙަފްލާގެ ކޮންމެ ކަމެއްވެސް ވެގެން ގޮސްފައިވަނީ ޝާހީ ނުވަތަ ގްރޭންޑް ކަންކަމަށެވެ.

ޢުމުރުން 33 އަހަރުގެ ޕްރިންސް ހެރީ އާއި ޢުމުރުން 36 އަހަރުގެ މޭގަން މާކަލްގެ ކައިވެނީގައި ދުނިޔޭގެ އެކި ހިސާބުތަކުން 600 ގެސްޓުން ބައިވެރިވެފައިވެއެވެ.

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ކައިވެންޏަކީ މިއަހަރުގެ އެންމެ ބޮޑު ކައިވެންޏޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެގޮތުން މި ކައިވެނީގެ ކޮންމެ ކަމެއްވެސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ފަލަ ސުރުޙީތަކުން ޖާގަ ހޯދިކަންކަމަށެވެ. އާންމުގޮތެއްގައި ޝާހީ ޢާއިލާގެ އެހެން ކައިވެނި ހަފްލާތައް ހަފުތާގެ ބަންދުނޫން ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ބޭއްވިނަމަވެސް ފްރިންސް ހެރީގެ ކައިވެނީގެ ޙަފްލާ ހޮނިހިރު ދުވަހެއްގައި ބޭއްވުމަކީ މި ޙަފުލާ ތަފާތުވެގެންދާ ސަބަބެކެވެ.

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަގުތުން ބަލަމުން ދިޔަ ރަސްމިއްޔާތުގައި ހެރީގެ 92 އަހަރުގެ މާމާފުޅު އިނގިރޭސި ރާނީ އެލިޒަބަތާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހީ ކައިވެނީގެ މި ހަފުލާގައި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ހޮލީވުޑުގެ ތަރި ޖޯޖް ކްލޫނީ އާއި އަމާލް ކްލޫނީ، ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް، ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއި އެމެރިކާގެ މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ ބައިވެރިވިއެވެ.
ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން މޭގަންގެ ބައްޕާފުޅު ތޯމަސް މާކްލް ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. މޭގަން ވަޑައިގެންނެވީ މަންމާފުޅު ޑޯރިއާއާ އެކުއެވެ. ހުދުކުލައިގެ ވެޑިން ޑްރެސްގައި ޢުމުރުން 36 އަހަރުގެ މޭގަން ޗަޕަލްގެ އައިލްސަށް ވަޑައިގެންނެވީ ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ އަރިހުގައެވެ.

ހެރީ ވަޑައިގެންނެވީ ބޭބޭފުޅު ޕްރިންސް ވިލިއަމްގެ އަރިހުގަ ކަޅު ކުލައިގެ އަސްކަރީ ޔުނިފޯމުގައެވެ. މި ކައިވެނިން ލިބޭ ހަދިޔާތަށް އިނގިރޭސިވިލާތުގެ 6 ޗެރިޓީ ޖަމިއްޔާއަކަށް ދޭން ވަނީ ހަމަޖެހިފައެވެ.
ކައިވެންޏަށް ފަހު ހެރީ އާއި މޭގަން އަށް މުޚާތަބް ކުރާނީ ޑިއުކް އަދި ޑަޗަސް އޮފް ސަސެކްސްގެ ނަމުންނެވެ.