ކުޅިވަރު

ނިއުރޭޑިއަންޓްގެ އެޓޭކަށް ސަމާލުކަން ދޭނަން: އައިޒޯލް


ބޭނުންވަނީ އޭއޭފްސީކަޕް ފުޓްބޯޅަ މުބާރާތުން މޮޅެއްކަމަށް އައިޒޯލް އެފްސީގެ ކޯޗު ސަންތޯޝް ކަޝްޔަފް ބުނެފިއެވެ.

އޭފްސީ ކަޕު ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ފަހު މެޗަށް މާދަމާ އިންޑިޔާގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާ ދެކޮޅަށް ނިކުތުމުގެ ކުރިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސަންތޯޝް ބުނީ އޭނާގެ ޓީމުން މެޗުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށާއި، މިއީ އެޓީމުގެ ފުރަތަމަ އޭއެފްސީކަޕަށް ވުމުން އެޓީމުން ބޭނުންވަނީ މޮޅަކާއެކު މުބާރާތް ނިންމާލަންކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވުމުން ގުރޫޕަގައި ހިމެނޭ އިންޑިޔާގެ ބެންގަލޫރު އެފްސީ ކޮލިފައިވާނެތީ އެކަމާ އޭނާ ނުވިސްނާކަމަށެވެ. ސަންތޯޝް ބުނީ އޭނާގެ ފިލޯސަފީއަކީ މެޗުން މޮޅުވުން ކަމަށާއި، ކުޅުންތެރިން އެކަމަށް ގަދައަޅައި މަސައްކަތް ކުރާނެކަމަށެވެ.

ކޯޗު ބުނީ ނިއުއަކީ ވަރުގަދަ އެޓޭކިންގ ޓީމެއް ކަމަށާއި އަޝްފާގަށް ވަކިން ހާއްސަ ސަމާލުކަމެއްދޭން ޖެހޭކަމަށެވެ. ނިއުގެ ހުރިހާ ދިމާލެއްވެސް ފެންނަނީ ވަރުގަދަކޮށް ކަމަށާއި އެޓީމުގެ އެޓޭކު ހުއްޓުވަން މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ. މެޗާ ކުރިމަތިލާއިރު ނިއުއަށް އޮތް އެންމެ ބޮޑު އެޑުވާންޓޭޖަކީ އިންޑިޔާގެ ފުޓްބޯޅަ ދަންނަ ކޯޗެއް ޓީމުގައި ހުރުންކަމަށް އައިޒޯލްގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ.

" އަހަރުމެންނަށް ހާސިލްވާނެ މާބޮޑުކަމެއް އަނެއްހެން ނެތް. އަލަށް މިފަހަރު އޭއެފްސީކަޕުގައި ބައިވެރިވުމުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ގިނައެއްޗެހި ތަކެއް ދަސްވެއްޖެ." ކޯޗު ބުންޏެވެ.

މެޗާ ކުރިމަތިލާއިރު ނިއުރޭޑިއަންޓު އޮތީ ބާރަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އައިޒޯލްއަށް ލިބިފަވަނީ އެންމެ ޕޮއިންޓެކެވެ.
އައިޒޯލްއާއި ނިއު ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި ހަގަޑި ފަނަރައިގައެވެ.