ޚަބަރު

ވަރލްޑްކަޕާއި ދިމާކޮށް ރަޝިއާގައި ރާއްޖެ އިސްތިހާރު ކުރަނީ

ވަރލްޑްކަޕާއި ދިމާކޮށް ރަޝިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޚާއްސަ ކެމްޕެއިނެއް ފެށުމަށް ޓުއަރިޒަމް މިނިސްޓްރީއިން ތައްޔާރުވާން ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ. ރަޝިއާއަކީ މިއަހަރު އޮންނަ ވޯލްޑްކަޕް ބާއްވާ ޤައުމެވެ. ޓުއަރިޒަމް މިނިސްޓަރީއިން ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރަން ނިންމާފައިވަނީ ވަރލްޑްކަޕާއި ދިމާކޮށް ރަޝިއާއަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މީހުން ދަތުރުކުރަމުންދާނެތީއާއި، މޮސްކޯއަކީ ވަރލްޑްކަޕްގެ އެންމެ ވަރުގަދަ މެޗްތަކާއި، ފައިނަލް މެޗް ބާއްވާ ސިޓީ ކަމަށްވާތީއެވެ. އެގޮތުން މި ކެމްޕެއިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަނީ މޮސްކޯގައި ދުއްވާ 100 ޓެކްސީގައި، ރާއްޖޭގެ އެކިއެކި ރީތި މަންޒަރުތައް ފެންނަ ކުރެހުންތައް ޖަހައިގެންނެވެ.

މިކަމާއި ގުޅޭ ލިޔުމާ ހަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކެމްޕެއިންތައް ބޭއްވުމަށް ސަރުކާރުން ނިންމާފައިވަނީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަމާލުވުމަށްކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރަޝިއާއަކީ ފަތުރުވެރިކަމަށް މުހިންމު މާކެޓެއްކަމަށާ، ކުރިއަށްއޮތްތާނގައި، ރަޝިއާއާ ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަސޭހަކުރުމަށްވެސް މަސައްކަތްކުރާނެކަމަށެވެ. މީގެއިތުރުން އިޓަލީގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑްޝޯވއަކަށްވެސް ތައްޔާޜުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ކުރަނީ ޖަރމަނީގެ ކުންފުންޏެއްކަމަށްވާ ކެބްވަޓައިޒްމަންޓް ޔޫރަޕާ ގުޅިގެންނެވެ. އެ ކުންފުނިން ބުނެފައިވަނީ ވަރލްޑްކަޕާއި ދިމާކޮށް މޮސްކޯއަށް ބައި މިލިއަން މީހުން އަންނާނެކަމަށް ބެލެވޭކަމަށެވެ. އަދި މޮސްކޯއަކީ މިހާރުވެސް 7.7 މިލިއަން މީހުން ދިރިއުޅެމުންދާ ސިޓީއެއްކަަމަށެވެ. އެގޮތުން މި ކެމްޕޭންއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި ކެމްޕެއިން 15 ޖޫންގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން ދެމަސް ދުވަހަށް ކުރިއަށްދާނެއެވެ.
މޮސްކޯގައި ވޯލްޑްކަޕްގެ 22 މެޗާއި، އަދި ފައިނަލާއި ސެމީފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މެޗުތަކުގައި ޖުމްލަ 16 ޤައުމުގެ ޓީމުން ކުޅޭނެއެވެ.