ޚަބަރު

ހެދިގޮނޑުދޮށް ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


މާލޭ އިރުމަތީފަރާތު ހެދިގޮނޑުދޮށް ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތުއެވެ.

ހެދިގޮނޑުދޮށް ސަރަޙައްދު އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ޖުމުލަ 13.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް އެސަރަޙައްދު ތަރައްޤީކޮށް ނިމޭނެއިރު އައުޓޯ ޖިމަކާއި ފެންވަރަން ބޭނުންވާ ވަސީލަތްތަކާއި ކެފޭތައް ތަރައްޤީކުރުމަށް ހަމަޖެހިފަވެއެވެ. ހެދިގޮނޑުދޮށް ސަރަޙައްދު ތަރައްޤިކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަސްޓްރަކްޗާގެ ލަފާގެމަތިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ރައްޔިތުންގެ ހިތްހަމަޖެހުމަށް، މާލޭގެ އެކިތަންތަން ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

"ހައުސިންގ މިނިސްޓަރ މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން އަދި އެމްޓީސީސީގެ ސީއެސްއާރު ޕްރޮޖެކްޓުގެ ދަށުން 3 މިލިއަށްވުރެގިނަ ރުފިޔާ ޚަރަދުކުރާނެ މަޝްރޫއެއް. އެހެންކަމުން މިމަޝްރޫއަށް ގައިގަޑަކަށް 13.7 މިލިއަން ޚަރަދުވާނެ. އަދި ދެން އާރޓިފިޝަލް ބީޗު ސަރަޙައްދު ތަރައްޤީ ވެގެންދާއިރު، އެހެނިހެން ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ގިނަ ޚިދުމަތްތަކެއް މިތަނުގައި ލިބެން ހުންނާނެ. މިމަޝްރޫގެ ދަށުން މިސަރަޙައްދު ރަސްފަންނު ތަރައްޤީކުރިހެން ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކުރާނެ. އެގޮތުން އައުޓް ޑޯ ޖިމް، ޝަވަރ، ކެފޭ އަދި އެހެނިގެން ތަންތަން މިތަނުގައި ތަރައްޤީކުރާނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޖަޕާނުގެ އެހީގައި މާލޭ އިރުމަތީ ފަރާތުގައި ތަރައްޤީ ކޮށްފައިވާ ހެދިގޮޑުދޮށް ސަރަޙައްދު އަލުން ތަރައްޤީ ކުރަނީ ސަރުކާރުން ކުރިއަށް ގެންދާ މާލޭ ރީ-ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މާލޭ ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ރައްޔިތުންނަށް ދުޅަހެޔޮކަމަށްޓަކާއިބޭނުންވާ ޕާކުތަކާއި ހުސްބިންތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީކުރަމުންނެވެ. އެގޮތުން މިހާތަނަށް 11 ޕާކުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި މިޕްރޮޖެކްޓުގެ ދަށުން ކޮށްފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ރަސްރަނި ބަގީޗާއާއި ރަސްފަންނު ފާހަގަކުރެވެއެވެ.