ޚަބަރު

ތިން ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށުގެ ބަނދަރުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އއ. ހިމަންދޫއާއި ސ.މަރަދޫ ބަނދަރުހެދުމާއި އއ.ރަސްދޫ ބަނދަރު ބޭރު ތޮށިލުމުގެ މަސައްކަތެވެ.

ތިންރަށުގެ ބަނދަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތުއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އއ. ހިމަންދޫ ބަނދަރު ހެދުމަށް ކުރިޔަށް ގެންދާ މަޝްރޫޢުއަކީ ސަރުކާރު ބަޖެޓުން 25.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 8 މަސްދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވެފައިވާ މަޝްރޫޢެއް ކަމަށެވެ. އަދި ސ. މަރަދޫ ބަނދަރު މަޝްރޫއަކީ 18 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށާއި މިމަޝްރޫޢުގެ މަސައްކަތްވެސް 8 މަހުގެ ތެރޭގައި ނިންމަން މަސައްކަތް ކުރާނެކަމަށެވެ. މީގެ އިތުރުން އއ. ރަސްދޫ ބަނދަރުގެ ބޭރު ތޮށި މަރާމާތު ކުރުމުގެ މަޝްރޫއަކީ 9.9 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށާއި، 3 މަސްދުވަހުގެ ތެރޭގައި މިމަޝްރޫޢުގެ މަސައްކަތް ނިންމުމަށްވަނީ އެއްބަސްވަފައެވެ.

މިމަޝްރޫޢުތަކުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ޒަމާނުއްސުރެ މިރަށްރަށަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދީ، ރައްޔިތުން ބޭނުންވާ ޚިދުމަތް ދިނުމަށްސަރުކާރުން ހިންގާ މަޝްރޫޢުތަކެއްކަމަށެވެ.

"ރައީސް ޔާމީން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ރަށެއްގެ އާބާދީއަކަށް ބެލުމެއްނެތި ހަމަ ވަރަށް އިންސާފުވެރިކަމާއެކު މިގޮތަށް ހުރި މައްސަލަތައް ހައްލުކުރުމަށް އިސްކަންދީގެން މަސައްކަތް ކުރާކަން. އެމްޓީސީީސީއަކީ މިފަދަ މަސައްކަތް ކުރުމުގައި އެންމެ ރަގަނޅަށް މަސައްކަތްކުރާ އެއް ކުންފުނި. ކުރިޔަށް އޮތް ތާނގައިވެސް މިފަދަ މަޝްރޫޢުތައް ރައްޔިތުން އެދޭގޮތަށް ކުރިޔަށް ގެންދާނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ސަރުކާރުން މިމަޝްރޫޢުތައް ނިންމަން އެދިފައިވާ ތާރީޚަށް މަސައްކަތް ނިންމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި އެކުންފުނިން ވޭތުވެދިޔަ އަހަރުތަކުގައި މިސަރުކާރާއެކު ތަރައްޤީގެ ގިނަ މަޝްރޫތަކެއްގައި މަސައްކަތްކޮށް، ރައްޔިތުންނަށް ގިނަ ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއްކަމަށެވެ.