ދުނިޔެ

އިންޑިއާއިން މަތީ ތަޢުލީމް ހާސިލްކުރުމުގެ 74 ފުރުސަތު ދީފި





 


އިންޑިއާއިން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު ދިވެހި ހަތްދިހަ ހަތަރު ދަރިވަރަކަށް ދީފައިވާކަމަށް އިންޑިޔާގެ ހައިކޮމިޝަނުން ބުނެފިއެވެ.


 
އެސްކޯލާޝިޕްތައް ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަރުކާރުން ކުރިއަށް ގެންދާ ސާކް ސްކޮލާޝިޕް ސްކީމާއި، ކޮމަންވެލްތް ސްކޮލާޝިޕް ސްކީމާއި، ރާއްޖެއަށް ޚާއްސަ ސްކޮލާޝިޕް ސްކީމްގެ ދަށުންކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެއެވެ. އިންޑިއަން ހައިކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ،  ސްކޮލަޝިޕް ދީފައި ވަނީ އާޓްސްއާ ސައިންސާ އިންޖިނިއަރިންއާ ، ކޮމާސްއާ ، ބިޒްނަސް އެޑްމިނިސްޓްރޭޝަނާ އަދި ޤާނޫނީ ދާއިރާއިން ކިޔެވުމަށްކަމަށެވެ. މިސްކޮލަޝިޕް ތަކަކީ އިންޑިއާގެ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ކިޔެވުމަށް ދީފައިވާ ސްކޮލަޝިޕް ތަކެއްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.


 


އިންޑިއާ ސަރުކާރުން ހުޅުވާލި ސްކޮލާޝިޕްގެ 74 ފުރުސަތުގެ ތެރޭގައި އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައި.ސީ.އާރު.ސީން ދީފައިވާ ތިރީސް ނުވަ ސްކޮލާޝިޕް ހިމެނޭކަމަށާއި، އޭގެ ތެރެއިން 17 ދަރިވަރަކަށް އިންޑިއާގެ ޔުނިވާސިޓީތަކުން މިހާރުވެސް ޖާގަ ލިބިފައިވާ ކަމަށް ހައިކޮމިޝަނުން ބުނެއެވެ. އައިސީސީއާރު ސްކޮލަޝިޕްގެ ދަށުން ޖާގަ ކަށަވަރު ވެފައިވާ އިތުރުދިހަ ދަރިވަރަކު ވަރަށް އަވަހަށް އިންޑިއާއަށް ފުރާނެކަމަށް ވެސް ހައި ކޮމިޝަނުންގެ ބަޔާނުގައި ބުނެފައިވެއެވެ.


 
 


 ރާއްޖޭގެ ތަރައްގީގައި، އިންސާނީ ވަސީލަތްތަކާއި ސިއްހީ ދާއިރާ ތަރައްގީކުރުމުގައި އެންމެ ބޮޑު ހިއްސާއެއްވާ ގައުމަކީ އިންޑިއާ ކަމަށްވެސް އިންޑިއަން ހައިކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.