ޚަބަރު

އައްނޫރުލް މުބީން ޤުރުއާން މުބާރާތް އިފްތިތާޙްކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމަށް، ރާއްޖޭގައި ފުރަތަމަ ހަފަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް އިފްތިތާޙްކޮށްފިއެވެ.

އައްނޫރުލްމުބީން ޤުރުއާން މުބާރާތަކީ ރާއްޖެ އާއި ބޭރުގެ އިތުރު 8 ޤައުމަކުން ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚާލީލާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފްވަނީ ބައިވެރިވެވަޑައިގެންފައެވެ. އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ބާއްވާ މިމުބާރާތުގެ ކިޔެވުން ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ހެނދުނު ދިހައަކުން މެންދުރު ބާރަޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު ވިދަޅުވީ މިމުބާރާތުން ދޭހަވަނީ އިސްލާމް ދީނުގެ ހަމަހަމަކަމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ކަމުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ބާއްވާ މި މުބާރާރަކީ މިފަދަ ފުރަތަމަ މުބާރާތައް ވީނަމަވެސް ކުރިއަށް އޮތް ތަނުގައި މިމުބާރާތް އިތުރަށް ވަރުގަދަކޮށް އިތުރު ފުރިހަމަކަމާއެކު ގެނެސްދިނުމަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށެވެ. އަދި މިމުބާރާތުގައި ވާދަކުރާ 9 ދަރިވަރުންނަކީ އެކި ޤައުމުތަކުން ހަތަރުސަތޭކަ މިލިއަނަށްވުރެ ގިނަ ދަރިވަރުންނާ ވާދަކޮށް ހޮވާފައިވާ ދަރިވަރުންކަމަށާ، މިފަދަ ވާދަވެރި މުބާރާތެއް ރާއްޖޭގައި ބޭއްވޭކަމީ މުޅި ރާއްޖެވެސް ފަޚުރުވެރިވާންޖެހޭ ފަދަ ކަމެއްކަމަށް އިކުރާމް ވިދާޅުވިއެވެ.

މިމުބާރާތް ޕީއެސްއެމްގެ ޓީވީއެމްއާއި މުންނާރު ޗެނަލްގެ އިތުރުން ދިވެހިރާއްޖޭގެ އަޑާއި ދީނުގެ އަޑުން ދުރައް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ތިރީސްހާސް ޑޮލަރު ހުށައަޅާފައިވާއިރު ދެވަނައަށް ފަނަރަހާސް ޑޮލަރު އަދި ތިންވަނައަށް ފަސްހާސް ޑޮލަރުވަނީ ހުށައަޅާފައެވެ. މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ މިފެށޭ ރަމަޟާން މަހުގެ ދެވަނަ ދުވަހުގެރޭ އޮންނަ އިޙްޔާ ފޯރަމްގައެވެ.