އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން މިއަދު ބޭއްވި ހުކުރު އުފާ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ހުކުރު އުފާގެ މިހަފްތާގެ ފެސްޓިވަލްގައި 11 މުއައްސަސާއިން ބައިވެރިވިއިރު މިހަފްތާގެ ޙަރަކާތް ބޮޑަށް އަމާޒުކޮށްފައިވަނީ އިސްރަށްވެހިންނަށެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޢުމުރުން ދޮށީ ބޭފުޅުންގެ ސިއްޚީ ޙާލަތު ވަޒަންކުރުމާއި ރަމަޟާން މަހު އިސްރަށްވެހިން ސިއްޚީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާއިބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިސްރަށްވެހިންގެ ޖަމިއްޔާގެ ޕީއާރް އޮފިސަރ އާދަމް މޫސާ ވިދާޅުވީ މިފެސްޓިވަލްގެ ތެރެއިން ދޮށީ ޢުމުރުގެ ބޭފުޅުންނަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށެވެ.
މީގެ އިތުރުން މިހަފްތާގެ ހުކުރު އުފާ ފެސްޓިވަލްގައި ވަނީ ހަކުރު ބަލި ޓެސްޓް ކުރުމާއި ހަކުރު ބައްޔާގުޅޭ ޓެސްޓުތައް ހެދުމާއި ހަށިގަނޑުގެ ބަރުދަނާއި އިސްކޮޅު ބެލުމާއި އޭގެ މަޢުލޫމާތު ޒިޔާރަތްކުރި ފަރާތްތަކަށްދީފައިވެއެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކާއި ބެހޭގޮތުން އަދި ޢުމުރުން ދުވަސް ވުމާ ގުޅިގެން ދިމަވާ ތަފާތު ސިއްޚީ މައްސަލަތަކާ ބެހޭގޮތުންވެސް މަޢުލޫމަތު ދީފައިވެއެވެ.
ހުކުރު އުފާގެ މިހަފްތަގައި ހަމައެކަނި ހަވީރުގެ ދަންފަޅި ބޭއްވި ނަމަވެސް ރަމަޟާން މަހަށް ފަހު ދެ ދަންފަޅީގަވެސް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ހުކުރު އުފާ ފެސްޓިވަލްއަކީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ވެއްޓެއްގައި އާއިލީ ވަގުތުކޮޅެއް ހޭދަކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ބާއްވާ ދީނީ ފެސްޓިވަލެކެވެ.