ޚަބަރު

އޭޝިޔާ މީޑިއާ ސަމިޓްގެ 15 ވަނަ ސަމިޓް ފަށައިފި


އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމެންޓް (އޭ.އައި.ބީ.ޑީ)ން ބާއްވަމުން އަންނަ އޭޝިޔާ މީޑިއާ ސަމިޓްގެ 15 ވަނަ ސަމިޓް ފަށައިފިއެވެ.

އޭ.އައި.ބީ.ޑީއާއި މެމްބަރު ޤައުމުތަކާއި، ބައިނަލްއަގުވާމީ ޕާޓްނަރުން ގުޅިގެން ބާއްވާ މި ސަމިޓް ކުރިއަށްދަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.
މިސަމިޓްގައި ޕަބްލިކް ސަރވިސް މީޑިއާ ތަމްސީލު ކުރަނީ ޗީފް އޮޕަރޭޝަން އޮފިސަރ މުޙައްމަދު ސަޢީދުއެވެ. 15 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި 30އަށް ވުރެ ގިނަ ޤައުމުން 300އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

މިސަމިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑް ކާސްޓިންގ މިނިސްޓަރާއި އޭ.އައި.ބީ.ޑީގެ މެންބަރު ބައެއް ޤައުމުތަކުގެ އިންފޮމޭޝަން އެންޑް ބްރޯޑް ކާސްޓިންގ މިނިސްޓަރުންވެސް ވާހަކަދެއްކެވިއެވެ.

މިފަހަރުގެ ސަމިޓްގެ ތީމަކީ "ޓެލިން އަވަރ ސްޓޯރީސް-އޭޝިއާ އެންޑް މޯ"އެވެ.

ދެދުވަހުގެ މި ސަމިޓުގައި މީޑިއާގެ ޤަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން މީޑިއާގެ ކަންކަން ބަދަލުވަމުންދާ ގޮތާއި މީޑިއާގެ އެކި ކަންކަމާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ، މި ސަރަހައްދުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ތަޖްރިބާ ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާ ބްރޯޑްކާސްޓަރުންގެ ބޮޑު މަހާސިންތާއެކެވެ.

ބްރޯޑްކާސްޓިންގ ދާއިރާގެ ޑިސިޝަން މޭކަރުންނާއި، މީޑިއާގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ޚަބަރާއި، ޕްރޮގްރާމިންގގެ ދާއިރާގައި އިސްދައުރެއް އަދާކުރަމުންގެންދާ ކުންފުނިތަކުން މިސަމިޓްގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިތުރުން އެފްރިކާ، ޔޫރަޕް، މެދުއިރުމަތި، އަދި އުތުރު އެމެރިކާ ސަރަހައްދުގެ މަންދޫބުން ވެސް ހިމެނެއެވެ.