ޚަބަރު

ކުޑަކުދިންނާއި ގުޅުންހުރި ކަންކަން ނިންމުމުގައި އެކުދިންގެ ޚިޔާލު ހޯދަންޖެހޭ : ޒެނީޝާ


ކުޑަކުދިންނާއި ގުޅުންހުރި ސިޔާސަތުތައް އެކަށައަޅާއިރު ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޒެނީޝާ މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނިސެފް މޯލްޑިވްސްއާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބޭއްވި ޗިލްޑްރަންސް ޑޭ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައު ވާހަކަފުޅުދައްކަވަމުންނެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޔުނިސެފް މޯލްޑިވްސް އާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބޭއްވި "ޗައިލްޑް ޕްރޮމޯޝަން ފޯރަމް" ބާއްވާފައިވަނީ ގއ. ވިލިގިލި އަދި މާލޭގައެވެ. އެގޮތުން މި މަހުގެ 2 އިން 3 އަށް ގއ. ވިލިގިލީގައި ކުރިއަށް ގެންދިޔަ ކޮންސަލްޓޭޝަން ސެޝަންތަކުގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 24 ކުދިންވަނީ ބައިވެރިވެފައެވެ. މާލެ ސިޓީގައި ބޭއްވި ދަންފަޅިތަކުގައި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނާއި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން އަދި ދައުލަތުގެ ބެލުމުގެ މަސައްކަތް ކުރާ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ހިމެނޭ ގޮތަށް 25 ކުދިން ބައިވެރިވެފައިވެއެވެ.

މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ކުޑަކުދިންނަކީ މާދަމާގެ މުސްތަޤުބަލުކަމުގައި ވާއިރު ކުޑަކުދިންނާއި ގުޅުންހުރި ސިޔާސަތުތަށް އެކަށައަޅާއިރު ކުދިންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިފަދަ ފޯރަމްތަކުން އެކުދިން މުޖުތަމައުގައި ކުރިޔަށްދާ އިޖުތިމާއި ކަންކަމުގައިކުދިންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހި ވެގެންދާކަމަށެވެ.

"
އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކުޑަކުދިންނަކީ މުޖުތަމައުގައި މުހިންމު ބަޔަކަށް ވާއިރު މިކުދިނަށް ދިމާވާ ދަތިތަށް ދެނަގެނެ އެ މައްސަލަތަށް ހައްލުކުރުމަށް މުހިންމު އިސްކަމެއް ދޭންޖެހޭ.. މިފަދަ ދޯރަމްތަކުން މި މަސައްކަތް ވަރަށްވެސް ބޮޑަށް ފަސޭހަ ކޮއްދޭ.
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިސެފްގެ ކަންޓްރީ ރެޕްރެސެންޓޭޓިވް މުނީރު ސަފީލްދީން ކުޑަކުދިންގެ ޙާލަތު ރަނގަޅުކޮށް އެކުދިންނަށް ފާގަތި މުސްތަޤުބަލެއް ހޯދައި ދިނުމަށްޓަކާއި ރައީސް ޔާމިންގެ ސަރުކާރުން ކުރައްވާ ޚިދުމަތްތަށް ފާހަގަކުރައްވާ މި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި މި މަސައްކަތްތަކުގައި ޔުނިސެފުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

"
ރައީސް އަބްދުﷲ ޔަމިންގެ ސަރުކާރުން ކުޑަކުދިންގެ ހައްޤުތަށް ރައްކާތެރިކޮށް އެކުދިންނަށް އެކަށޭނަ މުސްތަޤުބަލެއް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައިވޭ.. އެގޮތުން ވަކިން ޚާއްސަކޮށް ޖެންޑަރ މިނިސްޓްރީން ކުރާ މަސައްކަތްތަކަކީ މިގޮތުން ވަކިން ފާހަގަކޮއްލެވޭ މަސައްކަތްތަކެއް..
ޔުނިސެފްގެ ކަންޓްރީ ރެޕްރެސެންޓޭޓިވް މުނީރު ސަފީލްދީން

ފޯރަމްގައި ބައިވެރިވި ދަރިވަރުން ބުނީ މި ފޯރަމްގެ ސަބަބުން ކުދިންގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުދިންގެ ފެންވަރުގެ ކުރެވިދާނެ ގިނަ ކަންތައްތެކެއް އެނގިގެންދިޔަކަމަށެވެ.
"ޗައިލްޑް ޕްރޮމޯޝަން ފޯރަމް" ނިންމުމުގެ ރަސްމިއްޔާތުގައި އެކި މިނިސްޓްރީތަކުގެ އިސްވެރިންނާއި، މޯލްޑިވްސް ޕޮލިސް ސާރވިސް، ގަރލް ގައިޑް އެސޯސިއޭޝަން އަދި ސްކޫލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.