ރިޕޯޓް

ކުޑަކުދިންގެ ދުވަސް - ޤައުމީ ރޫޙުގައި ދަރިން ތަރުބިއްޔަތުކުރުން މުހިއްމު


ކޮންމެ ޤައުމެއްގައިވެސް އެންމެ މުހިއްމު ރައޫސުލްމާލަކީ އެ ޤައުމެއްގެ ތުއްތުކުދީންކަން ޔަޤީނެވެ. ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނީ އެ ޤައުމެއްގެ ކުޑަކުދީންނަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އެހެންވެސް އެންމެހައި ކަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި ލިއްބައިދީގެންނެވެ. ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މި މުޖުތަމަޢުއަކީވެސް ލޯތްބާއި، އަޅާލުމާއެކު ކުޑަކުދިންގެ ހައްޤުތަކަށް އިޙްތިރާމްކުރާ ބަޔަކަށްވުން މުހިއްމެވެ.

ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލެވެ. އެ ޤައުމެއްގެ އެންމެ މުހިންމު ރައުސުލްމާލެވެ. ޤައުމުގެ ކުރިމަގު ބިނާވެގެންވަނީ މިއަދުގެ ކުޑަކުދިން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށެވެ. ޤައުމާމެދު އެކުދިންގެ ވިސްނުން ބިނާކުރެވޭ ގޮތެއްގެ މައްޗަށެވެ. ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު މަޤްޞަދަކީ، އެކުދިންނަށް ޙައްޤު ރަޙުމާއި ލޯބި ނުދިނުމާއި، މުޖުތަމަޢުގައި އެކުދިންނަކީވެސް މުހިންމު ބައެއްކަން އަންގައިދިނުމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުވުމުގައި މުޖުތަމަޢު ހޭލުންތެރިކޮށް، ޤައުމީ ފެންވަރުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމެވެ.

އިޖްތިމާޢީ ނަޒަރުން ބަލާއިރު ރާއްޖޭގައި ކުޑަކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އިޙްތިރާމް ލިބިދެއެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ޙައްޤުތަކާ ފުށުއަރާފަދަ ޙާދިސާތައް މަދުންނަމަވެސް ހިނގައެވެ. ކުޑަކުދިންނާ ގުޅޭ މިބާވަތުގެ މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވަމުންދާ މައްސަލަތަކެކެވެ. އަދި މުޖުތަމަޢުގެ އަފުރާދުން މިފަދަ މައްސަލަތަކަށްދޭ ޚާއްޞަ ސަމާލުކަމަކީ ކުޑަކުދިންނާމެދު މުޖުތަމަޢުން ބަހައްޓާ ސަމާލުކަން ހާމަވެގެންދާކަމެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ޚާއްޞަ އުސޫލަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. 1991 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށް، އެއަށް ރާއްޖޭގައި އަންނަނީ ޢަމަލުކުރަމުންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ސިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ބެލެހެއްޓުމަކީ މައިންބަފައިންނާއި، ދިވެހި ސަރުކާރުގެ މައްޗަށް މިޤާނޫނު ލާޒިމުކުރާކަމެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމަބެހޭ ޤާނޫނާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުންވެސް ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަމެއް ލިބިދެއެވެ. ކުޑަކުދިންކުރާ ކުށްތަކުގެ މައްސަލަތައް ބެއްލެވުމަށް ޖުވެނައިލް ކޯޓްގެ ނަމުގައި ޚާއްޞަ ކޯޓެއް ވަނީ ޤާއިމުކޮށްފައެވެ.

ތަޢުލީމީގޮތުން ބަލާއިރު، ކުޑަކުދިން ސްކޫލަށް ފޮނުވައި ތަޢުލީމު އުނގަންނައިދިނުމަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ލާޒިކުރާކަމެކެވެ. ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މުޖުތަމުއުގެ ހުރިހާ ކުޑަކުދިންނަށް ތަޢުލީމަށް ވާޞިލުވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. ޤައުމުގެ މުސްތަޤްބަލް ބިނާކޮށް، ދިވެހިރާއްޖެ، ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމިއްޔަތުގެ ލޯބި އެކުދިންގެ ހިތްތަކުގައި އަށަގެންނުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު މިފަދަ ޤައުމީ ޢަޒުމެއްގައި ދަރިން ތަރުބިއްޔަތުކޮށް، އެކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއެކު ބޮޑުކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ޢަޒުމަކަށް ހެދުން މުހިއްމެވެ.