ޚަބަރު

ފޯސީޒަންސް: ފަތުރުވެރިކަމުގެ ދާއިޜާގެ އިންސާނީ ވަސީލަތް ބިނާކުރުމުގައި 18 އަހަރު


ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައިގެ ގޮތުގައި ސިފަކުރާ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި ބޭރުގެ ގިނަ ކުންފުނިތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ޙަރަކާތްތެރިވާ ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްއިން ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމަށްވަނީ މުހިންމު މަސައްކަތްތަކެއްކޮށްފައެވެ.

ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މަޤްސަދުގައި ތަމްރީނު ޕްރޮގްރާމެއް ފަށާފައިވަނީ 2001ވަނަ އަހަރެވެ. 2001 ވަނަ އަހަރުންފެށިގެން މިހާތަނަށް ފޯސީޒަންސްއިން ދަނީ ކޮންމެ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުންނާ އިންޓަވިއުކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ބައިތަކުގައި މަސައްކަތްކުރާނޭ ޒުވާނުން ތަމްރީންކުރަމުންނެވެ. މިއަހަރާ ހަމަޔަށް ފޯސީޒަންސް އިންވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ 546 މީހުން ތަމްރީންކޮށްފައެވެ.

މިގޮތުން 2017 ވަނަ އަހަރުފެށި މީގެ ޕްރޮގްރާމް މިއަދުވަނީ ނިންމާލާފައި. މިޕްރޮގްރާމުގައި 48 ކުދިންވަނީ ދަސްވެނިވެފައެވެ.

މިކަމަށްޓަކައި ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ފޯސީޒަންސްފަދަ ކުންފުނިތަކުން މަސައްކަތްކުރާ ފަދައިން އެހެން ދާއިރާތަކުގެ މީހުން ބިނާކުރުމަށް އެދާއިރާތަކުގައި މަސައްކަތްކުރާ ކުންފުނިތަކުންވެސް ޕްރޮގްރާމްތައް ހިންގަން ޖެހޭކަމަށެވެ. އަދި ފޯސީޒަންސް ގެ ތަމްރީނު ޕްރޮގްރާމް ނިންމައި މިދާއިރާގައި މަސައްކަތްކުރަން ފަށާ މީހުންނަކީ ތިމާވެށި ޙިމާޔަތްކުރުމުގައި ފަތުރުވެރިންނަށް މިސާލު ދައްކުވައިދޭ ބަޔަކަށް ވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއވެ.

"މިކަހަލަ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ޕްރޮގްރާމުތަކެއް. ވަރަށް ގިނަ ރިޒޯޓުތަކެއް ރާއްޖޭގައި ހެދިގެން އެބަދޭ، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމުކަން ފޯސީޒަންސްއިން ފާހަގަކޮށް ކުރާ މަސައްކަތައް ޝުކުރުދަންނަވަން. އިތުރު ރިޒޯޓުތަކުންވެސް މިފަދަ ޕްރޮގްރާމްތައް ހިންގާ. އަދި މިއަށްވުރެވެސް ގިނައިން މިފަދަ ޕްރޮގްރާމްތައް އެކި ރިޒޯޓުތަކުން ހިންގުން ރަނގަޅު. ޓުއަރިޒަމް އިންޑަސްޓްރީއަކީ ލާމަސީލު އިންޑަސްޓްރީއެއް. އެހެންކަމުން އަޅުގަނޑުމެންގެ އެހެން އިންޑަސްޓްރީ، މިސާލަކަށް މަސްވެރިކަމާ، ކޮންސްޓްރަކްޝަން ދާއިރާއިންވެސް މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުން މުހިންމު."

މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

މިޕްރޮގްރާމް ނިންމި ދަރުވަރުން ވަނީ މިއީ ވަރަށް ތަފާތު އަދި ގިނަ އެއްޗެހި ދަސްވި ޕްރޮގްރާމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފޯސީޒަންސް މޯލްޑިވްސް އިންބުނީ މިޕްރޮގްރާމް ހިންގުމުގައި 2010ވަނަ އަހަރުންފެށިގެން ރާއްޖޭގެ ޓިވެޓް އޮތޯރިޓީޒިން އެކުންފުންޏަށް އެހީވަމުންދާކަމަށެވެ. މިޕްރޮގްރާމުގެ ދަށުން ޑައިވިން، ހައުސްކީޕިން، ފުޑް އެންޑް ބެވަރެޖް، ވޯޓަރ ސްޕޯޓްސް، ފްރަންޓު ޑެސްކް، މެނޭޖްމަންޓު އަދި ފަތުރުވެރިކަމުގެ އެހެން ދާއިރާތަކުން ކުދިން ތަމްރީންކުރަމުންދެވެ.