ޚަބަރު

ފްލެޓު ނުލިބިދާނެ ކަމަށް ހީކޮށް ކަންބޮޑުވާނެ ކަމެއް ނެތް: މިނިސްޓަރ ޑރ. މުޢިއްޒު


"ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓް ނުލިބިދާނެ ކަމަށް ހީކޮށް އެކަމާ ކަންބޮޑުނުވުމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފެލްޓަށް އެދި ހުށަހެޅުމަށް ފޯމު ދޫކުރަން ފެށުމާއެކު ގިނަ އަދަދެއްގެ ރައްޔިތުންވަނީ ދިގު ކިޔުއަކާއެކު ފޯމު ބަލައިގެންފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް ހީކޮށް އެއްވެސް ރައްޔިތަކު ކަންބޮޑުނުވުމަށް އެދޭ ކަަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުރިހާ ރައްޔިތުންނަށްވެސް އެ ފުރުޞަތު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަމާޒުކަމަށެވެ.

"އަޅުގަނޑު އެދޭ ކަމަކީ އެއްވެސް ވަރަކަށް ހާސްވެ ވަޑައިގެން ކަންބޮޑުވެ ވަޑައިގެން ފްލެޓަށް ފޯމު ލުމުގެ ފުރުޞަތު ގެއްލިދާނެތީ ނުވަތަ ފޯމު ނެގުމުގެ ފުރުޞަތު ގެއްލިދާނެ ކަމަށް ހީކުރައްވައިގެން ހުރިހާ ބޭފުޅުން އެއްފަހަރާ ވަޑައިގެން ފޯމު ނަންގަވަން ހައްދަވާނެ ކަމެއް ނެތޭ. ހަމަ ވަރަށް ގިނަ ވަގުތު އަޅުގަނޑުމެން ކޮންމެ ދުވަހެއް ކޮންމެ ރެޔަކަށް ކަނޑައަޅާފައޭ މިވަނީ. އެގޮތުން ބަންދު ދުވަސްތަކުގައިވެސް. ހަމައެއާއެކު ރޯދަ މަހުގައިވެސް. ކުރިއަށް މިއޮތް ދެތިން މަސް ޖުލައި މަހުގެ ނިޔަލަށް ފޯނު ނެގޭނެ. ފޯމު ލެވޭނެ ޖޫން ތިނަކުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް. އެހެންވީމަ ވަރަށް ބޮޑު ފުރުސަތެކޭ މިއޮތީ،" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ބޮޑު ފުރުސަތެއް ހުޅުވާލުމުން ކޮންމެ މީހަކުވެސް އެކަމާ އަވަސްވެގަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އިންސާނީ ތަބީޢަތް ކަމަށެވެ. ނަމަވެސް ފޯމް ހުށަހެޅުމަށް އެހާ ގިނަ ދުވަސްތަކެއް ދީފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެއްޓެވި މި މަސައްކަތް ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ދިނުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.