ޚަބަރު

ބްރިޖުގެ ތަނބުތައް ގުޅާލުމުގެ މަސައްކަތް ޖުލައި 9 އަކަށް ނިމޭނެ - މިނިސްޓަރ މުޢިއްޒު


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތުގެ ތެރެއިން އެންމެފަހު ތަނބުތައް ގުޅާލުމުގެ މަސައްކަތް ޖުލައި މަހުގެ 9 ވަނަ ދުވަހަށް އެއްކޮށް ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކަށް ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތްތަކުގެ ތެރެއިން މާލެއާވީ ސަރަޙައްދުގައި ހުރި ހުރިހާ ތަނބުތަކެއް ގުޅުވާ ނިމި، މައިތަނބުތަކާއި ހަމައަށް ބްރިޖުގެ ޑެކް އެއްކޮށް ކޮންކްރީޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. ހަމަމިއާއެކު ހުޅުލެއާވީ ކޮޅުން މައިތަނބުތަކުގެ ތެރެއިން ތިން ތަނބެއް އެއްކޮށް ގުޅުވާނިމި، ބާކީ ހުރި ދެ ތަނބުގެ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"މާލެ ކޮޅުން ހުޅުލެއާވީ ސަރަޙައްދު އެއްކޮށް ގުޅުވާ ނިމޭނެ އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ 9 ވަނަ ދުވަހު. އެހެންވީމަ އެދުވަހު އެއީ މާލެއާ ހުޅުލެއާ އެއްކޮށް ގުޅުވާ ނިމޭ ދުވަސް. އެއަށްފަހު ދެން ހިނގާނީ ބްރިޖުގެ މަތީގައި ތާރު އެޅުމާއި ލައިޓު ހަރުކުރުމާއި މިކަހަލަ ކަންތައްތައް. އެހެންވީމާ އަޅުގަނޑު ކުރިންވެސް ދެންނެވި ގޮތަށް ޖުލައި މަސް ނިމި އޮގަސްޓް މަހުގެ ތެރޭގައިި ބްރިޖު އެއްކޮށް ނިމޭނެ. އަދި ރައީސް ޔާމީން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދު ހަޤީގަތަކަށްވެ އޭގެ ފުރިހަމަ ބޭނުން ރައްޔިތުންނަށް ހިފޭތަން މާލަސްތަކެއް ނުވެ ފެނިގެންދާނެ،" ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމަށް ހަމަޖައްސާފައިވަނީ ޗައިނާއާއި ރާއްޖެއާއި ގުޅިގެން ބާއްވާ ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތާއި ގުޅޭގޮތުން ޗައިނާ ސަރުކާރުގެ އިސްވެރިންނާއި މަޝްވަރާކުރެއްވުމަށް ހަައުސިންގ މިނިސްޓަރ މިހާރު ހުންނެވީ ޗައިނާގައެވެ.