ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 7000 ފްލެޓަށް ކުރިމަތިލުމަށް ފޯމު ދޫކުރަން ފަށައިފިއެވެ. މި ފްލެޓްތަކަށް އެދި އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލާފައެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 31 ގެ ނިލަޔަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާއިރު ފޯމްތައް ބަލައިގަތުން އޮންނާނީ ޖޫންމަހުގެ 3 ކުން ޖުލައި 31 ގެ ނިޔަލަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 7000ހައުސިންގ ޔުނިޓަކީ ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫގެ ޢަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު ސަރުކާރުގެ ޢަމާޒަކީ މި އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމެވެ.
ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް 17 ކެޓަގަރީއެއް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މި ކެޓަގަރީތަކަކީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓާއި އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓްއެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓްވެސް ހިމެނެެއެވެ. މީގެއިތުރުން ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓާއި ސިފައިންނާއި ފުލުހުންނަށް 600 ފްލެޓާއި އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް 256 ފްލެޓްވެސް މީގެތޭރޭގައި ހިމެނެއެވެ.
ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9 އިން މެންދުރު 2 އަށް، އަދި ހަވީރު 4 އިން އިރުއޮއްސި 6 އަށް، އަދި ރޭގަނޑު 8 އިން 11 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ހުކުރު ދުވަސްތަކުގައި ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 9 އިން 11 އަށް ފޯމު ދޫކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަސްތަކުގައި ހެނދުނު 10 އިން 12 އަށް، ހަވީރު 4 އިން 6 އަށް، އަދި ރޭގަނޑު 9 އިން 11 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ފްލެޓްތައްކަށް ފޯމު ދޫކުރަން ފެށިކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުވަނީ އެކިއެކި ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ތަފުސީލުތައް ޙިއްސާކުރައްވާފައެވެ. މިނިސްޓަރ މުއިއްޒު ވިދާޅުވީ މި ފަހަރު ހުޅުވާލާފައިވާ ކެޓަގަރީތަކުގެ ތެރެއިން އެކަނިވެރިން މައިންނާއި ބަފައިންނަށް ކަނޑައަޅާފައިވާ ކެޓަގަރީ ފިޔަވާ ދެން ކޮންމެ ކެޓަގަރީއަކަށްވެސް އުމުރުން 18 އަހަރުން މަތީގެ ކައިވެނިކޮށްގެން އުޅޭ ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެކަމަށެވެ. އަދި ވަކި އުމުރުފުރައެއް ކަނޑައަޅާފައިވަނީ ޒުވާނުންނަށް ކަނޑައަޅާފައިވާ ދެ ކެޓަގަރީކަމަށްވާ އަލަތު ކައިވެނީގެ ކެޓަގަރީއާއި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީއަށެވެ. މި ދެ ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 41 އަހަރާއި ދެމެދުގެ މީހުންނަށެވެ. އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއަށް ފޯމު ހުށައެޅޭނީ މިދިޔަ އޭޕްރިލްމަހުގެ ނިޔަލަށް ވަރިވެ އެ ވަރި ކޯޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
ފްލެޓްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިނަމަވެސް ފްލެޓް ދޫކުރާ ކެޓަގަރީތަކުގެ ތެރެއިން ސިވިލް ސާރވިސް މުވައްޒަފުންނަށް ދޫކުރާ ފްލެޓްޓަކަށް ކުރިމަތިލުމުގެ ފުރިސަތު ވަނީ ބަންދުވެފައެވެ. ސިވިލް ސާރވިސް މުވައްޒަފުންގެ ކެޓަގަރީއަށް ފޯމުލާފައިވާ ފަރާތެއްނަމަވެސް އެހެން ކެޓަަގަރީއަކަށް ކުރިމަތިލާން ބޭނުންނަމަށް އެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންނަމަވެސް ސިވިލް ސާރވިސް ކެޓަގަރީއަށް ކުރިން ލީ ފޯމު ބާތިލުކުރަން ޖެހޭނެކަމަށްވެސް ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިިންނަށް ދިނުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކަށްވެސް ފޯމު ދޫކުރަން ހުޅުވާލާފައިވާއިރު މިކަން ކުރިއަށްދާނީ އެ ތަންތަނުންކަމަށް މުއިއްޒު ވިދާޅުވިއެވެ. ފްލެޓްތައް ދިނުމުގައި ފޯމް އިވެލުއޭޓްކުރާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮންމެ ކެޓަގަރީއަކުންވެސް އިސްކަންދޭނެކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
ފޯމް ދޫކުރުމުގައި އެއް ފަރާތަކަށް އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީއަށް ފޯމެއް ނުލެވޭނެއެވެ. އަދި ފޯމު ނަގަން އެއްވެސް ލިޔުމެއް ގެންދަން ނުޖެހޭއިރު ފޯމު އޮންލައިންކޮށް ލިބޭނެ އިންތިޒާމުވެސް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.