ޚަބަރު

ޒިންމާދާރު މީޑިޔާ ވޯކްޝޮޕްގެ ފުރަތަމަ ބައްދަލުވުން ލ. ގަމުގައި


ޒިންމާދާރު ނޫސްވެރިކަމުގެ ޘަޤާފަތެއް އަށަގެންނެވުމާއި ގުޅޭގޮތުން ހައްދުންމަތީ ގަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް 75 އަހަރު ފުރުމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ޒިންމާދާރުކޮށް ނޫސްވެރިކަން ކުރުމާއިބެހޭ ގޮތުން މަޝްވަރާކުރިއެވެ. އަދި އިސްލާމީ ޙުދޫދުގެ ތެރޭގައި ނޫސްވެރިކަން ކުރުމުގެ މުހިއްމުކަން ފާހަގަކޮށް، ނޫސްވެރިކަމުގެ ސަބަބުން މުޖުތަމަޢުގެ ކަންކަން އިސްލާޙުވެގެންދާ ގޮތުގެ މައްޗަށް އަލިއަޅުވާލިއެވެ. މީގެ އިތުރުން ޤާނޫނުގައި ބަޔާންކޮށްފައިވާ ނޫސްވެރިންގެ ޒިންމާތަކާއި ލިބިދޭ ބާރުތަކާއި ބެހޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ދިނެވެ.

މި މަސައްކަތު ބައްދަލުވުމުގައި ނޫސްވެރިކަމާއި ގުޅުންހުރި އެކި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިކަމުގެ ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނާއި ސްކޫލް ދަރިވަރުން ހިމެނޭ ގޮތަށް ފަންސަވީހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. "ޒިންމާދާރު މީޑިއާ"ގެ ނަމުގައި ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ މިދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. މިބައްދަލުވުމާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ވަޙީދު ޢަލީ ވިދާޅުވީ މިފަދަ ބައްދަލުވުންތައް ނިމޭއިރު ބައިވެރިންނަށް ގިނަ މަޢުލޫމާތުތައް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އެއްދުވަހުގެ މުއްދަތަކަށް ލ. ގަމުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުން ފައްޓަވާ ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުޙީއެވެ. މިފަދަ އިތުރު ބައްދަލުވުންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މީޑިއާ ޒިންމާދާރުކޮށް، ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މެންޑޭޓްގެ ތެރެއިން އެމިނިސްޓްރީން ކުރަންޖެހޭކަމެކެވެ.