ޚަބަރު

ރައީސްގެ އަނބިކަނބަލުން، ފުވައްމުލަކު ސިޓީ ސައިކަލް ބުރު ބައްލަވައިލައްވައިފި


"އަފުން ރައީސް ޔާމީނާ އެއްކޮށް" މިނަމުގައި ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ސައިކަލު ބުރެއް ބާއްވައިފިއެވެ.

ޒުވާނުންނާއި އިސްރަށްވެހިންނާއި އެކު ދެ ޖިންސުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ސައިކަލު ބުރުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙިމްގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ސައިކަލް ބުރުގައި ބައިވެރި ފަރާތަކުން ތިބީ ރައީސް ޔާމީނަށް ތާއީދުކުރާކަން ދައްކުވައިދޭ ގިނަ ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ދިދަތައް ހިފައިގެންނެވެ. މި ސައިކަލް ބުރު ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާޙިމް ފުވައްމުލަކުގައި ހުންނަވާ ގެކޮޅު ކުރިމައްޗަށް ދިޔުމުން އެކަމަނާ ވަނީ ސައިކަލު ބުރުގެ ބައިވެރިންނަށް ތަރުޙީބު ދެއްވާފައެވެ.

ފުވައްމުލަކު ސިޓީގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ފެށި މި ސައިކަލު ބުރު ނިންމާލާފައިވަނީ "އަފުން ރައީސް ޔާމީނާ އެއްކޮށް" މި ނަމުގައި މިރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދަށެވެ.

މިރޭ 8:30 ގައި ފުވައްމުލަކު ސިޓީގެ ޒުވާނުންގެ މަރުކަޒު ގޯތި ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި މެޑަމް ފާތިމަތު އިބްރާޙިމް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.