ޚަބަރު

މިމަހުގެ 10 ވަނަ ދުވަހުގެރޭ ޕީޕީއެމްއިން ބޮޑު ޖަލްސާއެއް ބާއްވަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާ ވަރަށް ޚާއްޞަ ޖަލްސާއެއް މިމަހުގެ 10 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ބުނެފިއެވެ.

"ހެސްކިޔާފަ" މި ނަމުގައި ކާނިވާ ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޖަލްސާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްފަރާތްތައްވެސް ބައިވެރިވާނެކަމަށް އެ ޕާޓީން ބުނެއެވެ.

މި ޖަލްސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޕީޕިއެމްގެ ނައިބްރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ މި ޖަލްސާއަކީ ވަރަށް ޚާއްޞަ ޖަލްސާއެއްކަމަށާއި ޖަލްސާގައި ބައިވެރިވާ އެންމެންނަކީވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މި ޤައުމަށް ގެންނަވަމުން ގެންދަވާ ތަރައްޤީއާއި ޤައުމަށްޓަކާ ކުރައްވަމުންގެންދަވާ މަސައްކަތް ޤަބޫލުކުރާތީ ބައިވެރިވާ ބައެއް ކަމަށެވެ.

"ހެސްކިޔާފަ" މި ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެރޭ 8:30 އިން 10:30 އަށް ކަމަށް ޕީޕީއެމްއިން ބުނެއެވެ.