ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓުތަކަކަށް ދިން ޙަމަލާތަކެއްގެ ރައްދުގައި، އެމެރިކާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދިނުމާ ގުޅިގެން، މަސްރަޙު ހޫނުވެފައިވަނިކޮށް، އީރާނާ އެކު ޤާއިމުކޮށްފައިވާ ސުލްޙައިގެ އިބްތިދާޢީ އެއްބަސްވުން އުވާލެވިފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.
ޓްރަމްޕް މިކަން އިޢުލާނުކުރައްވާފައިވަނީ، ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ ވިލާތުގެ ދިފާޢީ އިއްތިޙާދު ނޭޓޯ ސަމިޓުގެ ތެރެއިންނެވެ.
އެމެރިކާއިން ދިން ޙަމަލާތަކުގެ ރައްދުގައި ބަޙްރަޔިނާއި ކުވަޔިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ ރައްދު ޙަމަލާތަކެއް ދީފައެވެ.
ތެޔޮ އުފުލާ ބޯޓުފަހަރަށް ދީފައިވާ ޙަމަލާތަކުގެ ތުހުމަތު ތެހްރާނުން ދޮގުކުރި ނަމަވެސް، ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ޤުދުރަތީ ގޭސް (އެލްއެންޖީ) އުފުލާ ޤަޠަރުގެ ބޯޓެއް ކަމުގައިވާ 'އަލް-ރަޤާޔާތު' އަށް ޑްރޯން ޙަމަލާއެއްދީފައި ވަނީ އީރާނުން ކަމުގައި ދަވްޙާއިން ތުހުމަތު ކުރެއެވެ. މީގެއިތުރުން، ޢުމާން ކައިރިން ދަތުރުކުރި ސަޢޫދީ ޢަރަބިއްޔާގެ 'ވަޔިދިޔާން' ގެ ނަންދީފައިވާ ތެޔޮ އުފުލާ ބޯޓަކަށް ވެސް މި ދަނޑިވަޅުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ކަނޑުގެ ސަލާމަތާ ބެހޭ މަޞްދަރުތަކުން ބުނެއެވެ.
ޓްރަމްޕް އެ ގޮތަށް އިޢުލާނު ކުރެއްވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 6 އިންސައްތަ އުފުލިފައެވެ.
އެއްބަސްވުން އުވާލެއްވިކަން އިޢުލާނުކުރައްވަމުން ޓްރަމްޕް ވަނީ އީރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރަން ބޭނުންނުވާކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އީރާނުން އަދި ސީދާ ވަކި އެއްޗެއް ބުނެފައިނުވި ނަމަވެސް، ސުލްޙައިގެ އެއްބަސްވުމާ ފުރަތަމަ ޚިލާފުވީ އެމެރިކާއިން ކަމަށް އީރާނުން ވަނީ ބުނެފައެވެ.