ޚަބަރު

ސްރީލަންކާގެ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި



 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޝިރާންތި ރާޖަޕަކްސަ މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ.
 
ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. ރައީސް ރާޖަޕަކްސަގެ ދެކަނބަލުންނަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުން އޮތީ، ޖުމްހޫރީ މައިދާނުގައި، މާލޭ ރަސްމީ ފާލަމުގެ ކުރިމަތީގައެވެ. ރައީސް ރާޖަޕަކްސަގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޙައުލަތު ފަހީމެވެ.
 
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސްރީލަންކާގެ ރައީސްގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.