ޚަބަރު

ރަޝިޔާ ސިފައިންގެ މަތީ ފަންތީގެ އޮފިސަރުންތަކެއް މަރައިލަން ޔޫކްރެއިނުން މަސައްކަތްކޮށްފި


ރަޝިޔާ ސިފައިންގެ މަތީ ފަންތީގެ އޮފިސަރުންތަކަކާއި އެ މީހުންގެ ޢާއިލާގެ މެންބަރުން މަރައިލަން ޔޫކްރެއިނުގެ ޖާސޫސުން ކުރި މަސައްކަތްތަކެއް ރަޝިޔާގެ ޖާސޫސީ އިދާރާ ފެޑެރަލް ސެކިއުރިޓީ ސަރވިސަސް (އެފްއެސްބީ)ން ނާކާމިޔާބުކޮށްލައިފިއެވެ. އެ އިދާރާއިން ބުނީ ޔޫކްރެއިނުގެ ޖާސޫސުން މަސައްކަތްކުރީ ޕަވަރ ބޭންކާއި ފޯލްޑަރ ފައިލްތަކެއް ބޭނުންކޮށްގެން ބޮންތަކެއް ގޮއްވާލުމަށެވެ.

އެފްއެސްބީން ބުނީ ރަޝިޔާ ސިފައިންގެ މަތީ ފަންތީގެ އޮފިސަރުންތަކަކާއި އެ މީހުންގެ ޢާއިލާގެ މެންބަރުން މަރައިލަން ރާވައި އެ މީހުންނަށް ފާރަލި ރަޝިޔާގެ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އެ މަސައްކަތް ހަވާލުކުރީ ޔޫކްރެއިނުގެ ޖާސޫސީ އިދާރާއިން ކަން ހޯދިފައިވާ ކަމަށް ވެސް އެފްއެސްބީން ބުނެފައިވެއެވެ.

ޔޫކްރެއިނުގެ ޖާސޫސުން ދާދިފަހުން ވަނީ ރަޝިޔާގެ އިސް ޖެނަރަލެއް މަރައިލައިފައެވެ. ރަޝިޔާގެ ނިޔުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ޕްރޮޓެކްޝަން ސިފައިންގެ އިސްވެރިޔާގެ މަޤާމުގައި ހުރި ލެފްޓިނެންޓް ޖެނެރަލް އީގޯ ކިރިލޯވާއި އޭނާގެ އަރިސް ބޭފުޅަކާ އެކު އެޕާޓްމަންޓް އިމާރާތެއްގެ ބޭރުގައި މަރާލާފައިވަނީ ބެޓެރި ސައިކަލެއްގެ ތެރޭގައި ފޮރުވާފައި އޮތް ބޮމެއް ގޮއްވާލައިގެންނެވެ.

ރަޝިޔާގެ އަސްކަރީ އަދި ސަރުކާރުގެ އިސްވެރިން އަވަހާރަކޮށްލަން ރަޝިޔާގެ ފަސްގަނޑުގައި ޔޫކްރެއިނުން ޙަރަކާތްތަކެއް ހިންގާ ކަމަށް ރަޝިޔާއިން އަބަދުވެސް ތުޙްމަތުކުރެއެވެ.