ޚަބަރު

ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި


ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ ލޯންޗްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުއެވެ.

ފެނަކާއިން ބުނީ އަލަށް ތައަރަފްކުރި ސޮޕްޓްވެއަރގެ ސަބަބުން އެކުންފުނީގެ ބިލްތައް ދެއްކުމަށް ކަސްޓަމަރުންނަށް މިހާރު ދިމާވަމުން އަންނަ ދަތިތައް ހައްލުވެގެންދާނެކަމަށެެވެ. އަދި އާ ސޮފްޓްވެއަރ އާއި އެކު ފެނަކައިގެ ކޮންމެ ބުރާންޗަކަށްވެސް ބިލު ދެއްކޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެއިތުރުން މިސޮޕްޓްވެއަރ މެދުވެރިކޮށް 168 ރަށުގައި ޤާއިމްކޮށްފައިވާ ފެނަކާގެ ކޮންމެ ޔުނިޓެއްގެ ތަފާސް ހިސާބުތައްވެސް ވަގުތުން ބަލާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ސޮފްޓްވެއަރ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ މިސޮޕްޓްވެއަރގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކުގެ އިތުރުން ކުންފުނީގެ ބައެއް މަސައްކަތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
"ރަށްރަށުގައިވާ އަޅުގަނޑުމެންގެ ބްރާންޗްތަކުން އަޅުގަނޑުމެނަށް ލިބޭ މަންފާއަކީ ކޮބައިކަން ދުވަހުން ދުވަހަށް ބަލާލުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލެވިފައި. ބިލިން ސޮޕްޓްވެއަރއެއް އުފައްދާ އޭގެ ހަޤީޤީ މަސައްކަތް ފެށިގެން މިދަނީ ދިގު އިންތިޒާރަކަށްފަހު. މިއީ ކުރީއްސުރެން ފެނަކާގައި ވެރިންގެ ގޮތުގައި ތިބި އެކިއެކި ފަރާތްތަކުގެ ހިއްސާ އޮތް ކަމެއް. ހިދުމަތް ދިނުމުގައި ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ." ލައްމާން ވިދާޅުވިއެވެ.

މި ސޮފްޓްވެއަރގެ ސަބަބުން ފެނަކާގެ ހިސާބުތައް ބެލެހެއްޓުމަށާ، ތަންތަނަށް ހުށަހަޅަން ޖެހޭ މުހިންމު ހިސާބުތައް ހުށައެޅުމަށް ފަސޭހަވަގެންދާނެކަމަށް ފެނަކައިން ބުނެއެވެ.
*******