ޚަބަރު

އާސިއާންގެ އިސްވެރިންގެ 32 ވަނަ ސަމިޓު ނިންމާލައިފި


ދެކުނު އިރުމަތީ އޭޝިޔާގެ އިއްތިހާދު، އާސިއާންގައި ހިމެނޭ ޤައުމުތަކުގެ އިސްވެރިންގެ32 ވަނަ ސަމިޓު ނިންމާލައިފިއެވެ. ސިންގަޕޫރުގައި ނިންމާލި މި ބައްދަލުކުރެއްވުމުގައި ސަމިޓުގެ ބައިވެރިންވަނީ އާސިއާނުން މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމާ ބެހޭ ވަކިވަކި ނުކުތާތަކާ މެދު އެއްބަސްވަޑައިގެންފައެވެ.

ސަމިޓަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވީ، އާސިއާންގެ ލީޑަރުން ވަނީ މައިގަނޑު ދެ ކަމަކަށް އެއްބަސްވެވަޑައިގެން ކަމަށާއި، މީގެ ތެރެއިން އެއްކަމަކީ އާސިއާންގެ ސްމާޓް ސިޓީގެ ވިއުގައެއް ގުޅާލުން ކަމަށެވެ. ލީ ވިދާޅުވީ، މި ވިއުގައިގެ ބޭނުމަކީ އޭގެ ދަށުން ތަރައްޤީކުރާ ރަށްތަކުގައި އުޅެމުންދާ އާސިއާންގެ ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމަށް ބާރުއެޅުން ކަމަށެވެ. މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ރޮނގުން ވެސް އާސިއާންގެ ޤައުމުތަކުގައި ހުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްވެސް އާސިއާންގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާކަމަށް ލީ ވިދާޅުވިއެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ 10 ޤައުމެއް ކަމަށްވާ ސިންގަޕޫރު، ވިއެޓްނާމް، ލާއޯސް، ކެމްބޯޑިއާ، ތައިލޭންޑް، މެލޭޝިޔާ، އިންޑޯނޭޝިޔާ، މިޔަންމާ، ފިލިޕީންސް އަދި ބްރޫނާއީގެ މައްޗަށް އެކުލެވިގެންވާ އާސިއާން އަކީ މީގެ ފަންސާހަކަށް އަހަރު ކުރިން އުފެދިގެން އައި އިއްތިހާދެކެވެ.