ޚަބަރު

ޕީ.އެސް.އެމްގެ 3 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫއިން ޚާއްޞަ ކޭކެއް ހަދިޔާކޮށްފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ތިންވަނަ އަހަރީދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކޭކެއް ހަދިޔާކޮށްފިއެވެ.

ޕީ.އެސް.އެމްގައި ޓީވީ އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޭކް ފަޅައިދިނީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއް ލަޠީފްއެވެ. ކޭކުފެޅުމުގެ ރަސްމިއްޔާތުގައި ޕީ.އެސް.އެމްއާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޕީ.އެސް.އެމްއިން ވަނީ އުރީދޫއަށް ޝުކުރުއަދާކޮށްފައެވެ.

އުރީދޫއަކީ އެކި ކަންތައްތަކުގައި ޕީ.އެސް.އެމްއާ ގާތްގުޅުމެއް އޮންނަ ކުންފުންޏެކެވެ. މިގޮތުން ވަރަށް ގިނަ މުޢާސަލާތީ ގުޅުންތަކާއި މީޑިއާދާއިރާގައި އުރީދޫއިން އަންނަނީ ޕީ.އެސް.އެމްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދަޢުލަތުގެ މީޑިއާގެ ގޮތުގައި ޕީ.އެސް.އެމް ވުޖޫދަށް އައިސްފައިވަނީ މީގެ ތިން އަހަރުކުރިން 2016 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހު. ޕީ.އެސް.އެމުން އައިއިރު ދައުލަތުގެ މީޑިއާއިން ހިންގަމުން ގެންދިޔައީ، 2 ރޭޑިއޯ ޗެނަލާއި، އެންމެ ޓީވީ ޗެނަލެވެ.

އެހެންނަމަވެސް ޕީ.އެސް.އެމް ވުޖޫދަށް އައި ފަހުން މިވީ 3 އަހަރުދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، މައި ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ އިތުރުން، އިތުރު 4 ޓީވީ ޗެނަލް ވަނީ ހުޅުވައި ޚިދުމަތް ދޭންފަށާފައެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ އެޗްޑީ ޗެނަލެއް ވަނީ ޤާއިމުކޮށްފައެވެ. އަލަށް ޤާއިމުކުރި ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް، ޕީ.އެސް.އެމް ނިއުސްއާއެކު ދައުލަތުގެ މީޑިއާއިން ހިންގާ ޓީވީ ޗެނަލްތަކުގެ ޢަދަދުވަނީ 6 އަށް އިތުރުވެފައެވެ.