ޚަބަރު

ތައުލީމާއި އާމްދަނީ ލިބުމުގައި މާލެއާ އަތޮޅުތަކުގެ މެދުގައި ބޮޑު ފަރަގެއް





 


ތައުލީމާ އާންމު ފަރުދުންނަށް ލިބޭ އާމްދަނީގައި މާލެއާ އަތޮޅުތަކުގެ މެދުގައި ބޮޑު ފަރަގެއް ހުރިކަން ރާއްޖޭގެ ދެހާސް ސާދަ ވަނަ އަހަރުގެ އިންސާނީ ތަރައްޤީގެ ރިޕޯޓުން ދައްކައިފިއެވެ.


 
އިއްޔެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ނެރުނު މިރިޕޯޓަކީ ރާއްޖޭގައި ނެރެވުނު އިންސާނީ ތަރައްޤީގެ ދެވަނަ ރިޕޯޓެވެ.


 
މީގެ ސާދަވަރަކަށް އަހަރުކުރިން ނެރުނު ރާއްޖޭގެ އިންސާނީ ތަރައްޤީގެ ފުރަތަމަ ރިޕޯޓާ ޚިލާފަށް މިއަހަރު ރިޕޯޓްގައި މުޅިރާއްޖޭގެ އިންސާނީ ތަރައްޤީގެ ނިޞްބަތުގެ އިތުރުން މާލެއާ ރާއްޖޭގެ އެކި ސަރަހައްދުތައް ވަކިންވަކިން މި ނިސްބަތް ބަލާފައިވެއެވެ. މިގޮތުން މާލޭގެ އިންސާނީ ތަރައްޤީގެ ނިސްބަތް ޕޮއިންޓް ހަތެއް ތިނެއް ހަތަރެއްގައި ހުރިއިރު އަތޮޅުތަކުގެ މިނިސްބަތް ހުރީ ޕޮއިންޓް ހައެއް ދޭއް ހަތެއްގައެވެ.


 
މާލެއަށްވުރެ އަތޮޅުތަކުގެ އިންސާނީ ތަރައްޤީގެ ހާލަތު ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި މީހުންގެ އާމްދަނީއާ ތައުލީމު ލިބިދިނުމުގައި ހުރި ތަފާތުތަކުގެ ސަބަބުންކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވޭ. މިގޮތުން އަތޮޅުތަކުގައި ސްކޫލްދައުރު ހޭދަކުރާ ކުއްޖަކަށްވުރެ ތިން އަހަރު މާލޭގައި ސްކޫލްދައުރު ހޭދަކުރާ ކުއްޖަކަށް ސްކޫލްދައުރު ހޭދަކުރުމުގެ ފުރުޞަތުތައް މާލޭގައި ތަނަވަސްވެފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިހެންދިމާވެފައިވާ ސަބަބެއްގައި ގޮތުގައި މިރިޕޯޓްގައި ފާހަގަކޮށްފައިވަނީ އަތޮޅުތަކަށްވުރެ މާލޭގައި މަތީ ސާނަވީއާ މަތީ ތައުލީމުގެ ފުރުޞަތައް އިތުރުވުމުންނެވެ.


 
އާމްދަނީއަށް ބަލާއިރު އަތޮޅުތަކުގައި ދިރިއުޅޭ މީހަކަށް ލިބޭ އާމްދަނީއަށްވުރެ ދެގުނަ ގިނައިން މާލޭގައި ދިރިއުޅޭ މީހަކަށް އާމްދަނީ ލިބޭކަމަށްވެސް މިރިޕޯޓްގައި ބުނެފައިވެއެވެ. މިގޮތުން މާލޭގައި ދިރިއުޅޭ މީހަކަށް އެވްރެޖް އާމްދަނީއެއްގެ ގޮތުގައި ހަތަރުހާސް ދުއިސައްތަ ފަންސާސް ދެޑޮލަރު ޖެހޭއިރު، އަތޮޅުތަކުގައި ދިރިއުޅޭ މީހަކަށް އެވްރެޖް އާމްދަނީއެއްގެ ގޮތުގައި ޖެހެނީ ދެހާސް ހަސަތޭކަ އަށްޑިހަ ހަތްޑޮލަރެވެ.


 
މާލެ ފިޔަވާ އަތޮޅުތަކުގެ އެކި ރީޖަންތަކަށް ބަލާއިރު އިންސާނީ ތަރައްޤީ އެންމެ މަތިން ހާޞިލްކޮށްފައިވަނީ މީމު،ފާފު އަދި ދާލު އަތޮޅު ހިމެނޭ ރީޖަންއެވެ. މިސަރަހައްދުގެ އިންސާނީ ތަރައްޤީގެ ނިޞްބަތް ޕޮއިންޓް ހައެއް ފަހެއް ހަތަރެއްގައި ހުރިއިރު، ދެން މިސަރަހައްދާ އެންމެ ވާހަކުރަނީ އައްޑޫސިޓީއާ ފުވައްމުލައް ހިމެނޭ ރީޖަންއެވެ. މި ރީޖަންގެ އިންސާނީ ތަރައްޤީގެ ނިޞްބަތް ހުރީ  ޕޮއިންޓް ހައެއް ހަތަރެއް ހަތެއްގައި.


 
ރާއްޖޭގެ ހަތް ރީޖަންގެ އިންސާނީ ތަރައްޤީގެ އެންމެ ދަށް އިންސައްތައެއްގައި އޮތީ ގއ، ގދ ހިމެނޭ ރީޖަންއެވެ. މި ރީޖަންގެ އިންސާނީ ތަރައްޤީގެ ނިޞްބަތް ދަށްވެފައިވަނީ  ތައުލީމުގެ ބައިން މިސަރަހައްދުގައި ސްކޫލްގައި ހޭދަކުރަން ފުރުޞަތުލިބޭ  އަހަރުގެ  އަދަދު މަދުވުންކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.


 
އާމްދަނީ އެންމެ ދަށުން ލިބޭ ސަރަހައްދެއްގެ ގޮތުގައި މި ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ރީޖަންއެވެ.


 
 


ރާއްޖޭގެ އިންސާނީ ތަރައްޤީގެ ރިޕޯޓްގައި މާލެއާ އަތޮލުތަކުގެ އިންސާނީ ތަރައްޤީ ހާޞިލްކުރުމުގައި ފަރަގުހުރި ކަމުގައިވިޔަސް މުޅި ޤައުމަށް ބަލާއިރު އިންސާނީ ތަރައްޤީން ބޮޑުކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ދެހާސް ފަނަރަވަނަ އަހަރަށް ކަނޑައަޅާފައިވާ މިލޭނިއަމް ޑިވެލޮޕްމެންޓް އަށް ގޯލްގެ ތެރޭން ފަސް ގޯލެއް ހާޞިލްކޮށްފައިވުމާއި އިންސާނީ ތަރައްޤީ މެދު މިންވަރަށް ހޯދާފައި ޤައުމުތަކާ ހަމައަށް އިންސާނީ ތަރައްޤީގެ ނިޞްބަތް މައްޗަށް ޖެހުން ފާހަގަކޮށްލެވެއެވެ.