މާލޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކު މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލުގެ ޕޮލިސް ކުލަބުން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވަނީ ވާދަކޮށްފައެވެ. އެއީ ރާއްޖޭގެ ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.
މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުނުއިރު، މި މެޗު ނޭޕާލުގެ ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނޭޕާލުގެ ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 25-16، 25-22 އަދި 25-23 އިންނެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ފަހަތުން އަރައި 3-2 ސެޓުން ސްރީ ލަންކާގެ އެއަރ ފޯސް ބަލިކޮށް، ރާއްޖޭގެ ކުލަބު ވެމްކޯއިން ވަނީ ލޯ މެޑެލް ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު 25-11 އަދި 25-17 އިން ގެންގޮސްފައިވަނީ ލަންކާގެ އެއަރ ފޯސްއިންނެވެ. އެކަމަކު ވެމްކޯއިން ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް، ލޯ މެޑެލް ހޯދާފައެވެ. މި ސެޓުތައް ވެމްކޯއިން ގެންގޮސްފައިވަނީ 25-13، 25-23 އަދި 15-13 އިންނެވެ.
މި މުބާރާތުގައި މިއަދު މެންދުރުފަހު ކުޅުނު ރޭންކިން މެޗުގައި 3-2 ސެޓުން ޑިއަމެޑް ބަލިކޮށް، ރާއްޖޭގެ ޕޮލިސް ކުލަބުން ވަނީ ފަސްވަނަ ހޯދާފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 26-24 އިން ގެންގޮސްފައިވަނީ ޑިއަމެޑް އިންނެވެ. އެކަމަކު ޕޮލިސް ކުލަބުން ވަނީ ދެވަނަ ސެޓު 25-11 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ތިންވަނަ ސެޓު 26-24 އިން ޑިއަމެޑް އިން ގެންދިޔަ ނަމަވެސް، ޕޮލިސް ކުލަބުން ވަނީ ފަހު ދެ ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވެފައެވެ. މި ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 25-21 އަދި 25-11 އިންނެވެ.