ޚަބަރު

އާ ފިއުލް ފަރމާއެކު ފްލައިޓްތަކަށް ތެޔޮ ފޯރުކޮށްދޭނީ ޕައިޕް ލައިނަކުން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ފިއުލް ފަރމާއިއެކު، ފްލައިޓްތަކަށް ތެޔޮ ފޯރުކޮށްދޭނީ ސީދާ ފްލައިޓް އޮތް ސަރަޙައްދެއްގައި ބާއްވައިގެން އެކަމަށް ޚާއްސަ ހޮޅިއެއް މެދުވެރިކޮށްކަމަށް އެމްއޭސީއެލް އިންބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤިކުރުމަށް އަލަށް ފަށާފައިވާ މަޝްރޫޢުގެދަށުން ބޮޑެތި ގިނަ މަޝްރޫޢުތަކެއް އެއަރޕޯޓްގައި ވަނީ ފަށާފައެވެ. އެއްބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އާ ފިއުލްފަރމްގެ ޢަމަލީ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އަލަށް ތަރައްޤީކުރާ ފިއުލް ފަރމަކީ މިހާރު ހުރި ފިއުލް ފަރމަށްވުރެ ތިންގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ވަރުގެ ނިޒާމެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ފިއުލް ފަރމްގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށެވެ. އެގޮތުން މިހާރު ފަށާފައިވަނީ ތެޔޮ ރައްކާކުރާ ޓޭންކަތައް ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެތެރޭގައި ހިމެނެނީ، ތެޔޮ ރައްކާކުރާ ތިން ޓޭންކެވެ. އެމްއޭސީއެލްއިން މަޢުލޫމާތުދޭ ގޮތުގައި މިތިން ޓޭންކްގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް އިތުރު ދެ ޓޭންކް ބެހެއްޓުމަށްވެސްވަނީ މި މަޝްރުޢުގައި ހަމަޖެހިފައެވެ.
މި މަޝްރުޢޫގެދަށުން ޖެޓް ފިއުލްއާއި، ޑީސެލްއާއި، ޕެޓްރޯލް ރައްކާކުރާ ނިޒާމު ޤާއިކުރާނެއެވެ. އެގޮތުން ފިއުލް ފަރމްގެ މަސައްކަތް ނިމޭއިރު 45 މިލިއަން ލީޓަރުގެ ޖެޓްފިއުލް ރައްކާކުރާ ނިޒާމެއް ޤާއިމުކުރާނެއެވެ. ވެލާނާ އިންޓަރނޭޗަނަލް އެއަރޕޯޓްގައި މިހާރު ހުރި ފިއުލް ފަރމަކީ 16 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ނިޒާމެކެވެ.

ތެޔޮ ރައްކާކުރާ ޓޭންކްތަކުގެ މަސައްކަތާއެކު ދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހައިޑްރަންޓް ޕައިޕް ލައިން މެދުވެރިކޮށް ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކެކެވެ. މި މަސައްކަތުގެ ދަށުން ފިއުލް ބައުޒަރ ތަކުގެ ބަދަލުގައި ތެޔޮ ފޮރުކޮށްދޭނީ އެ ފްލައިޓެއް އޮތް ސަރަޙައްދަކަށް ހޮޅިއެއް މެދުވެރިކޮށެވެ. ފިއުލް ފަރމްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި މަސައްކަތާއެކުއެވެ.