ޚަބަރު

އައްޑޫގައި ގެނބުނު ކުއްޖަކު ސަލާމަތްކުރި މީހެއްގެ އަގުވަޒަންކޮށްފި


މި މަހުގެ 21 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ފުއްޓަރުފަރާތަށް މޫދަށްގޮސް އުޅެނިކޮށް ރާޅާއެކު އޮޔާދިޔަ 3 ކުދިންގެ ތެރެއިން އެއްކުއްޖަކު ސަލާމަތްކުރި ސ.ހިތަދޫ، ބްލޫރޫމް، ޙަސަން ޙުސައިންގެ މަސައްކަތުގެ އަގު އައްޑޫސިޓީ ކައުންސިލުން ވަޒަންކޮށްފިއެވެ.

ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ގޮސްއުޅެނިކޮށް ގެނބުނު ކުދިންގެތެރެއިން އެއްކުއްޖަކު ސަލާމަތްކުރި ހަސަން ހުސެއިންއަށް ހިތަވަރުދީ އޭގެ އަގު ވަޒަންކޮށްފައިވަނީ މިއަދު އައްޑޫސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ޞާދިޤް ވަނީ އޭނައަށް ހަދާނީލިޔުން ހަވާލުކޮށްފައެވެ.

ޙަސަނަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްނަމަވެސް އެ ދަނޑިވަޅުގައި އޭނާ ދައްކާފައިވަނީ ކުޅަދާނަކަމާއި ހިތަވަރުގަދަކަމުގެ ލާމަސީލު ނަމޫނައެކެވެ. މި ހަދިސާގައި ހަސަން ސަލާމަތްކޮށްފައިވަނީ ސ.ހިތަދޫ، އަހްވާޒް، ޢާލީ ރާއިފް އިބްރާހީމެވެ.

މިހާދިސާގައި ގެއްލުނު 2 ކުދިން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި އެމެއެންޑީއެފާއި ފުލުހުނާއި އައްޑޫގެ އާންމުރައްޔިތުންދަނީ ކުރަމުންނެވެ. މި ކުދިން ހޯދުމުގެ މަސައްކަތަށް އަދި ކާމިޔަބީއެއް ލިބިފައިނެތަސް މިފަރާތުގެ މަސައްކަތައް އެއްވެސް ހުޢްޓުމެއްނެތިދަނީ ކުރަމުންނެވެ. މިކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ޑައިވިންގް ރޮބަޓް ބޭނުންކޮށްގެން މިއަދުވެސްވަނީ ގަނޑު އަޑީގެ އެކި ސަރަހައްދުތައްވެސް ބަލާފައެވެ.

މީގެ އިތުރުން ވައިގެން މަގުންނާއި ކަނޑުގެ މަގުން އެމްއެންޑީއެފް ކޯސްޓް ގާޑްގެ ޑައިވަރުންދަނީ މިކުދިން ހޯދުމުގެ މަސައްކަތް ކުރަމުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މިމަހުގެ 21 ވަނަ ދުވަހު، ހިތަދޫ ހޮސްޕިޓަލާ ދިމާއިން ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ސ.ހިތަދޫ، އޯޝަންވިލާ ޢަލީ ފަހުމީއާ ހިތަދޫ ޓޮޕާޒް މަޔާމީން ޢަލީއެވެ.