ޚަބަރު

އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ



ގިނަ ދުވަސްތަކަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް މަޖިލީހުގެ އިދަރާއިން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ނިންމުމަށްފަހު މިމަހުގެ ނަވާވީސް ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގާފައިވާކަމަށެވެ. އަދި އެއީ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށް ބާއްވާ ޖަލްސާކަމަށް ނިހާން ވިދާޅުވިއެވެ. އެދުވަހުގެ ޖަލްސާގައި މުހިއްމު މަސައްކަތެއް ނިންމުމަށް އެޖެންޑާކުރާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"މި ދައުރުގެ އެންމެ ފަހު ދުވަހަކަށް ވާނީ މިމަހުގެ ތިރީސް ވަނަ ދުވަސް. އެހެންވެ މަޖިލީހުގެ މިދައުރު ނިންމާލުމަށް ބާއްވާ ޖަލްސާއެއް އެޖެންޑަކޮށްފައި އެވަނީ ނަވާވީހަށް. އޭގެ ކުރިން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރި. ޖަލްސާތައް ނުބޭއްވިގެން އުޅޭ ސަބަބަު އަޅުގަނޑު ކުރިންވާނީ ހާމަކޮށްފައި. މިހާރު މާދަމާ ބާއްވަން އުޅުނު ޖަލްސާ މިވަނީ ނަވާވީހަށް ފަސްކޮށްފައި." ނިހާން ވިދާޅުވިއެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ މަހުގެ ސާދަ ވަނަ ދުވަހުއެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފައެއް ނުވެއެވެ. ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ރަސްމީކޮށް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުއެވެ. ނަމަވެސް އޭގެކުރިން މަޖިލީހުގެ ޚާއްސަ ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ފަހުން ބާއްވާފައި ވަނީ 10 ޖަލްސާއެވެ. އޭޕްރީލް މަހުގެ ނިޔަލަށް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާ މަޖިލިސް އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ދާނެއެވެ.