ޚަބަރު

އިތުރު އެއަރލައިނަކާއި އެކު ފްލައިން ސްކޫލެއް އުފެއްދުމުގެ މަސައްކަތް އެބަ ކުރަން - ދާލު ހޯލްޑިން


ރާއްޖޭގެ އިތުރު އެއަރލައިނަކާއި އެކު ފްލައިން ސްކޫލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދާލު އެއަރޕޯޓް ހިންގާ ދާލު ހޯލިޑިން އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިހާރު ދަނީ މި މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާތައްކަމަށެވެ. \

ދ.ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ރީތި އެއް އެއަރޕޯޓެވެ. އަދި އެއީ ސަރަޙައްދީ ގޮތުންވެސް ފަހަގަކޮށްލެވޭ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު އޮޕަރޭޓްކުރަމުން އަންނަ އެއަރޕޯޓެކެވެ. އެ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ، 1800 މީޓަރުގެ ރަންވޭއަކާއިއެކުއެވެ. ދާލު އެއަރޕޯޓަށް ދުވާލަކު ހައެއް ނުވަތަ ހަތް ފުލައިޓް އޮޕަރޭޓްކުރެއެވެ. މިވަގުތު އެ އެއަރޕޯޓަށް އޮޕަރޭޓްކުރަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެކަންޏެވެ.

ދާލު އެއަރޕޯޓްގެ މެނޭޖަރ މުޙައްމަދު އިބްރާހީމް ވިދާޅުވީ މިވަގުތު އެއަރޕޯޓަށް އެންމެ ބޮޑު ޑިމާންޑެއް އޮތީ ފަތުރުވެރިންގެ ފަރާތުންކަމަށެވެ. އަދި ބަންދު ދުވަސްވަރާ ދިމާކޮށް ދިވެހިންގެ ޑިމާންޑްވެސް ބޮޑުކަން އެނާ ފާހަގަކުރެއްވިއެވެ. އެ އެއަރޕޯޓުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ގިނަމަޝްރޫޢުތަކެއް ހިންގުމަށް ނިންމާފައިވާކަމަށާއި ވަރަށް ކައިރި މުސްތަޤްބަލެއްގައި އެ ކުންފުނީގެ ފަރާތުން ރާއްޖޭގެ އިތުރު އެއަރލައިނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ. ނަމަވެސް އައު އެއަރލައިން ތައާރަފުކުރާ ދުވަހެއް އެނާ ވިދާޅުވިއެވެ. މުހައްމަދު އިބްރާހިމް ވިދާޅުވީ އިތުރު އެއަރލައިނެއް އައުމުން އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަމަށެވެ. އެގޮތުން ދަތުރުކުރުމުގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށާއި، ފަތުރުވެރިން އެއަރޕޯޓްގައި ހޭދަކުރަންޖެހޭ ގިނަ ވަގުތުތަކަށްވެސް ހައްލެއް ލިބިގެންދާނެކަމަށްވެސް އެނާ ވިދާޅުވިއެވެ. މީގެ އިތުރުން ދާލު އެއަރޕޯޓްގައި ފްލައިންގ ސްކޫލެއް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އެއަރޕޯޓް ހޯލްޑިންގ ކުންފުނީގެ ފަރާތުން ވަރަށް ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ރާއްޖޭގައި އިތުރު އެއަރލައިނެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ. ފްލައިންގ ސްކޫލެއްވެސް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ. ކައިރި މުސްތަޤްބަލެއްގައި ދާލު އެއަރޕޯޓް ވެގެން އަންނަނީ ރާއްޖޭގެ އެހެން އެއަރޕޯޓްތަކަށްވުރެ މަސައްކަތް ގިނަ ހަރަކާތްތައް ގިނަ އެއަރޕޯޓާކަމަށް. ހަގީގަތުގައިވެސް އިތުރު އެއަރލައިނެއް ނުވތަ ކޮމްޕެޓީޓަރއެއް އައުމުން ރައްޔިތުންނަށް އަގުތައް ހެޔޮވެގެން އަންނާނެކަމަށް ޤަބޫލުކުރަނީ. އަދި ޓޫރިސްޓުންނަށް މިހާރު މި ދިމާވާ ދަތިތައް މިސާލަކަށް ކަނެކްޝަން ޓައިމް ނުވަތަ އެއަރޕޯޓްގައި ހޭދަކުރަންޖެހޭ ވަގުތުތައް ނުވަތަ މާލޭ އެއަރޕޯޓްގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ޖެހުން އެކަމަށް ހައްލެއް އަންނާނެކަމަށް ޤަބޫލްކުރަނީ." ދާލު އެއަރޕޯޓްގެ މެނޭޖަރ މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ދާލު އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ޕްރައިވެޓް ޖެޓް ޕާކިން އޭރިއާއެއް ހިމެނޭގޮތަށެވެ. އެއަރޕޯޓްގެ މެނޭޖަރ ވިދާޅުވީ، އެ ސަރަޙައްދުގެ ރިސޯޓްތަަކަށް ފަތުރުވެރިން އައުމަށްޓަކައި ޕްރައިވެޓް ޖެޓް އޮޕަރޭޓް ކުރަމުން އަންނަކަމަށެވެ. އަދި ޑިމާންޑް ލިބޭ މިންވަރަކުން އެ ޚިދުމްތްވެސް ފުޅާކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.


ދާލު އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމުގެ ވިސްނުން ގެންގުޅޭކަމަށް އެއަރޕޯޓް ހިންގާ ދާލު ހޯލްޑިންގ ޕްރައިެޓް ލިމިޓެޑުން ވަނީ ބުނެފައެވެ. ދާލު އެއަރޕޯޓް ހުޅުވުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، ދާލު އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތާއެކު ކުޑަހުވަދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓް އަކަށް ވެގެން ދާނެ ކަމަށެވެ.