ޚަބަރު

އުދައެރުމުގެ ސަބަބުން ހިތަދުއަށް ބޮޑެތި ގެއްލުންތަކެއް


ރާއްޖެއަށް މިހަރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީއަށް އުދަ އެރުމުގެ ސަބަބުން އެސިޓީގެ ބައެއް ސަރަހައްދަށް އެކިވަރުގެ ގެއްލުންވަނީ ލިބިފައެވެ. މިގެއްލުންތައް ބަލައި، އެހީތެރިވުމުގެ މަސައްކަތް ކަބާބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ. އަދި މި ވިއްސާރާގެސަބަބުން އިތުރަށް ލިބިދާނެ ގެލުން ކުޑަކުރުމަށްޓަކައި ދުރާލައި ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެހެންކަމުން އުދަ އެރުމުގެ ސަބަބުން އައްޑޫސިޓީ އަދި ފުވައްމުލަކަށްވެސްވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އުދައިގެ އަސަރުކުރި ރަށްތަކަށް ހައުސިން މިނިސްޓްރީގެ ޓީމްތައްވަނީ ޒިޔާރަތްކޮށް އެރަށްރަށުގެ ޙާލަތު ބާލާފައެވެ. އެގޮތުން ހައުސިންގް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގައިވެސް ޓީމެއް ހަރަކާތްތެރިވަމުން އެބަދެއެވެ. ހައުސިންގް މިންޓްރީން ވިދާޅުވެފައިވަނީ އައްޑޫސިޓީން އެންމެބޮޑަށް ގެއްލުން ލިބުނު އަވަށްތަކުގެ ތެރޭގައި ހިތަދޫ ހިމެނޭކަމަށެވެ.

ހިތަދޫގެ ފުއްޓަރު ފަރާތުން ރަށާ ދިމާއަށް އުދަ އެރުމުގެސަބަބުން، ރަށުގެ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރައި ރުއްގަސް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ފުއްޓަރާއި ދިމާގައިހުރި ގެތަކުގެ އިންފާރުތައްވެއްޓި ބައެއް ގެތަކަށް ވަނީ ލޮނު ވަދެފައެވެ. ނަމަވެސް އެގެތަކުގައި ދިރިނޫޅެވޭވަރުގެ ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހައުސިންގް މިނިސްޓްރީންވަނީ ގިރާފައިވާ ސަރަހައްދުތަކުގައި ވެލިބްސްދާތައްޖަހައި ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ވަގުތީ ޙައްލެއް ގެނެސްފައެވެ.

ވިއްސާރައިގެ ސަބަބުން އައްޑޫސިޓީއަށް ލިބިފައިވާ ގެއްލުންތަކާއި އެސިޓީގެ ޙާލަތު ބެލުމަށްފަހު ހައުސިންގް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ މުހައްމަދު ޖަމްޝީދް ވިދާޅުވީ އައްޑޫސިޓީއަށް އުދައެރުމުގެ ސަބުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށާ މިކަން ހައްލު ކުރުމަށް ހައުސިންގް މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އައްޑޫސިޓީއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށް ޖަމްޝީދު ވިދާޅުވިއެވެ.

"
"މިކަމަށް ދާއިމީ ހައްލެއް ބޭނުންވޭ. ނަމަވެސް މިއީ އާދައިގެ ކަމެއް ނޫން. މިފަދަ ކަންތައްތަކަކީ ބޮޑެތި ޚަރަދުތައް ހިނގާނެ މަޝްރޫއުތައް. މިކަމަށް ދާއިމީ ހައްލު ގެނެވޭނީ ފުދޭވަރަކަށް ބޮޑު ދިރާސާތަކެއް ކުރުމަށްފަހު. އެހެންކަމުން ރައްޔިތުންނަށް މިކަންކަން ކޮށްދެއްވުމަކީ ސަރުކާރުން މިކަމާއިމެދު ވިސްނައިވަޑައިގަންނަވާކަމެއް."
މުޙައްމަދު ޖަމްޝީދު

ހިތަދޫގެ އިތުރުން މަރަދޫއަށްވެސް އުދައިގެ އަސަރުކޮށް ގޮނޑުދޮށް ގިރިފައިވުމުގެ ސަބަބުން އެ ސަރަހައްދުގައި ވެލިބަސްތާއާއި ފަސްފުނި ޖަހައިފާއިވެއެވެ. މީގެ އިތުރުން ހުޅުމީދުއަށްވެސް ރާޅުގެ އަސަރުކޮށްފައިވާތީ އެރަށަށްވެސް ވަގުތީ ހައްލުތަކެއް ހޯދައިދީފައިވާކަމަށް ހައުސިންގް މިންސްޓްރީން ބުނެއެވެ.

އައްޑޫސިޓީ ހިމެނެގޮތަށް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާފާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވުމުން މިކަމަށް ދުރާލާ ތައްޔާރީތައްވެފައިވާކަމަށް ހައުސިންގް މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހެއިރު ވިދާޅުވިއެވެ.

" ކޮންމެ ކަމެއް ދިމާވިޔަސް މިކޮޅުގެ ޕަބްލިކް ވޯކްސްޓީމާއި ހައުސިންގް މިނިސްޓްރީގެ ޓީމް ތިބޭނީ އަބަދުވެސް ތައްޔާރަށް.މިފަދަ ހާދިސާތަކުގައި އާންމު ރައްޔިތުންނަށް ވަގުތުން ވަގުތަށް ޚިދްމަތްދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ހިތަދޫގަ ގިރިފައިވާ ހިސާބަށް ވެލިބަސްތާ ޖަހައި މިވަގުތަށް ގެނެވެނެ ހައްލުތައް މިހުރީ ގެނެސްފަ. ރާޅު އިތުރަށް ބޮޑުވަމުން އަންނަންޔާ އަޅުގަނޑުމެން މިތިބީ ވެވެނެ ހުރިހާ އެހީއެއްވުމަށް. އަދި މިކަމަށްދާއިމީ ހައްލެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން"

ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހުމުން ލިބުނު ގެއްލުމަށް ވުރެން ބޮޑު ގެއްލުން ލިބިފައިވަނީ އުދައެރުމުގެ ސަބަބުންކަމަށާއި ލިބުނު ގެއްލުންތަކުގެ ތަފްސީލް ބަލަމުންދާކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައަކީ އައްޑޫސިޓީގެ އިރު ދެކުނުން ގާތްގަނޑަކަށް 1000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. މިކޮޅިގަނޑުގެ ސަބަބުން ދެކުނުގެ ސަރަހައްދުގެ ކަނޑުތަކުގެ ބާނި ބޮޑުވުމާ ގުޅިގެން އައްޑޫސިޓީގެ އެކި ޞަރަޙައްދުތަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވެއެވެ.