ޢާއްމުކޮށް ރޯދަމަހު ޢާއްމުންގެ ޑިމާންޑް ބޮޑު ކާބޯތަކެތީގެ ބާވަތްތައްކަމަށްވާ ފިޔާ، އަލުވި، ބިހުގެ އަގުތައް ކުރިއަށްއޮތް ރޯދަމަހު އުފުލަނަނުދީ ހިފެހެއްޓުމަށް އެސްޓީއޯއިން މަސައްކަތްފަށައިފިއެވެ.
ރޯދަމަހަކީ ޢާއްމުގޮތެއްގައި ޢާއްމުކޮށް ބޭނުންކުރާ އެންމެހާ ބާވަތްތަކުގެ ކާބޯތަކެތީގެ އަގުވެސް އުފުލިގެންދާ މަހެކެވެ. ކާބޯތަކެތީގެ ތެރެއިންވެސް ފިޔާ ބިސް އަދި އަލުވީގެ އަގުތައް ބޮޑުވުމަކީ ރޯދަމަހު ޢާއްމުންގެ ޝަކުވާ ބޮޑުވެފައިވާކަމެކެވެ. މިއަހަރު ރަމަޟާންމަހާ ދިމާކޮށް މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯއިން މަސައްކަތްފަށާފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މިމަހުގެ ފަހުކޮޅު މިތިންބާވަތަށް ޚާއްސަ ޝިޕްމަންޓެއް އަންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މިޝިޕްމެންޓް ގެނައުމުގެ ބޭނުމަކީ މާކެޓް ސްޓޭބަލައިޒްކުރުންކަމަށާ، މެއި މަހުގެ ފުރަތަމަ ދެހަފްތާތެރޭގައިވެސް އިތުރު ޝިޕްމަންޓެއް އަންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ޝިފާން ވިދާޅުވީ އަތޮޅުތަކަށް ބޭނުންވާ މިބާވަތުގެ ކާބޯތަކެތި ދަތިކަކެއް ނެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. ރޯދައިގެ ކުރިން ފޮނުވުމަށް ހަމަޖެހިފައިވާ ޝިޕްމަންޓްތަކުގެ އިތުރުން ކުރިއަށް އޮތް ދެދުވަހެއްތެރޭގައި މިހާރުގެ ސްޓޮކުންވެސް އައްޑޫ ސިޓީއާއި ކުޅުދުއްފުޓަށް މިބާވަތްތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އަތޮޅުތެރޭގައިވެސް މިތިންބާވަތް ހުސްވިޔަނުދިނުމަށް މަސައްކަތްކުރަމުންދަނީ މިބާވަތްތަކުގެ އަގު ރޯދަމަހާ ދިމާކޮށް ބޮޑުވިޔަ ނުދިނުމަށްކަމަށް ޝިފާން ވިދާޅުވިއެވެ.
ކާބޯތަކެތީގެ އިތުރުން ރޯދައާއި ދިމާކޮށް އެސްޓީއޯއިން ދަނީ ބަދިގެއަށް ބޭނުންވާ ތަފާތު އެކިބާވަތުގެ ސާމާނު އެތެރެކޮށް ހެޔޮއަގުގައި ޢާއްމުނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ވަކި ޚާއްސަ އުސޫލެއްގެ ދަށުން ގޭގެއަށް ކައްކާ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.