ބައެއް ބޭފުޅުން ސިޔާސީ މަޤުސަދުތައް ހާސިލުކުރުމަށް ރާއްޖޭގެ އިޤްތިސާދު ނުރައްކަލަށް ހުށަހެޅޭފަދަ ދޮގު ވާހަކަތައް ފަތުރަމުންދާތީ، އެފަދަ ކަންކަން ނުކުރުމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު ސައީދު މިފަދައިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭ އިޤްތިސާދާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދެއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިއެވެ.
އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް، އެމްޑީޕީން ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް މަސައްކަތްކުރާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ޕެޓްރޯލް ލީޓަރެއް 16.1 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރި ކަމަށެވެ. މިއީ ދުނިޔޭގެ ބާޒާރާއި އަދި ސަރަޙައްދީ އެހެން ޤައުމުތަކުގެ އަގުތަކާ އަޅާބަލާއިރު ހެޔޮ އަގުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 40.9 ރުފިޔާގައި އުޅޭއިރު، އިންޑިއާގައި އެ އަގު ހުރީ 18.8 ރުފިޔާގައެވެ. އަދި ޑީސަލަށް ބަލާއިރު، ސިންގަޕޫރުގައި 41.63 ރުފިޔާއަށް ލީޓަރެއް ލިބޭއިރު، ދުބާއީގައި އެ އަގު ހުރީ 16.1 ރުފިޔާގައެވެ.
ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށް، ދިވެހި ފައިސާގެ އަގު އިންތިހާއަށް ވައްޓާލާފައިވާ ދަނޑިވަޅެއްގައިވެސް، މި ސަރުކާރުން ދަނީ ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މީގެއިތުރުން، އާންމު ކާބޯތަކެތީގެ އަގުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ބާޒާރުގައި ތަކެތި ހުރި އަގާއި އިދިކޮޅުން ބުނާ އަގާ ދެމެދު ބޮޑު ތަފާތެއް ހުރި ކަމަށެވެ. ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ނަގާލައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި، ވެރިކަން ކުރައްވާފައިވާ ބޭފުޅުން މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެކުރާ މަސައްކަތްވެސް އިދިކޮޅު ފަރާތްތަކަށް ކަމުނުދާކަމަށެވެ. އެގޮތުން، ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާއި، ރެސިޑެންސީ ވިސާގެ ނިޒާމު ތައާރަފުކުރުމުގެ އިތުރުން ޓައުންޝިޕް ފަދަ ބިޔަ މަޝްރޫޢުތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިޤްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކަމުނުދާނަމަ އެކަމަށް އޮތް އެހެން ހައްލުތަކަކީ ކޮބައިކަން އޮޅުންފިލުވައިދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިބޭފުޅުން މި ވިދާޅުވަނީ ރާއްޖޭގެ އިކޮނޮމީ ރަނގަޅު ކުރަންޖެހޭ. ރާއްޖޭގެ އިކޮނޮމީ ރަނގަޅުކުރަން ދެން ކުރަންވީ ކޮންކަމެއްތޯ ވިދާޅުވާންވީ ނޫންތޯ. ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދީގެންނުވޭ، ޓައުންޝިޕްއެއް ހިނގައިގެން ނުވޭ، ރެޒިޑެންސީ ވިސާ ޤާއިމްކޮށްގެން ނުވޭ، ވަކި ވަރަކަށްވުރެއް ބޮޑެތި އިންވެސްޓުތައް ގެނެސްގެންނުވޭ، އެއްފަހަރާއި މާގިނަ ރިޒޯޓުތައް ހަދަން އިންވެސްޓު ކުރިޔަސް ގޯސް އަދި ކުދި ވިޔަފާރިތަކަށް ދަށް އަގުގައި ލޯނު ދޫކުރިޔަސް ގޯސް" ވަޒީރު ވިދާޅުވިއެވެ.
އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުގެ މަޤްޞަދަކީ ހަޤީޤަތާ ޚިލާފު ސިޔާސީ ވާހަކަތައް ފެތުރުންކަމަށެވެ. އެގޮތުން، ތަފާތު އެކި ކަންކަމުގައި ދޮގު މަޢުލޫމާތު ފެތުރުމަށްފަހު މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަމަށް ދައްކައިގެން ސިޔާސީ މަންފާ ހޯދުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.