އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަޕް ވިނާސް ކަޕް މޮޅަކުން ފަށައިފިއެވެ.
މި ފަހަރުގެ ކަޕް ވިނާސް ކަޕުގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑީގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ހޯމަ ދުވަހުގުރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ތިންވަނަ މިނިޓްގައި އޮޑި ސްޕޯޓްސް ކްލަބްގެ އަޔާޒް އަހުމަދު (އަޔާ) އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާން އޮޑީގެ ދެ ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 18 ވަނަ މިނިޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ ނައްސާހް އިބްރާހީމް ނާސިރު ޖަހައިދިން ގޯލުންނެވެ. މިއީ މިޑްފިލްޑަރު އަހުމަދު އައިހަމް މުޅިން ހުސްކޮށްލާފައި ނައްސާހު އަށް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އެކަމަކު މެޗުގެ 28 ވަނަ މިނިޓްގައި އޮޑިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުޒްދާން ހަސަންއެވެ. މިއީ އޮޑީގެ އަހުޒަމް ރަޝީދު ނަގައިދިން ހުރަހެއް އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މުޒްދާން ޖަހައިދިން ގޯލެކެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓްގައި މާޒިޔާގެ އީލާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ އޮޑީގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނިޓްގައި މާޒިޔާގެ އައިހަމް އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
މެޗުން މާޒިޔާ މޮޅުކޮށްދިން ގޯލު މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އައިހަމްއެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު މާޒިޔާއިން ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.