ކުޅިވަރު

ސެންޓްރަލް ޒޯންގައި ރާއްޖޭގެ ފުރަތަމަ މެޗު މިއަދު ނޭޕާލާ ދެކޮޅަށް


އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ވޮލީ ޓީމް ނިކުންނާނީ، ނޭޕާލް އަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން ދަނެގެންކަމަށް ރާއްޖޭގެ ވޮލީޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ.

މެޗަށް ނުކުތުމުގެ ކުރިން ޕީ.އެސް.އެމް ސްޕޯރޓްސް އަށް މައުލޫމާތު ދެމުން ސާޖިދު ބުނީ، މި މުބާރާތުގައި ދަށް ފެންވަރުގެ ޓީމުތަށް ވާދަނުކުރާނެ ކަމަށާއި، އެގޮތުން ނޭޕާލް ޓީމަކީވެސް ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަމަށެވެ. މި މުބާރާތަށް ތައްޔާރުވުމަށްޓަކައި ތައިލެންޑަށް ކުރި ޓްރެއިނިންގ ދަތުރުން ޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށާއި، ހާއްސަކޮށް ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ޓްރެއިނިންގ މެޗުތަކުގައި ފެނިގެންދިޔަކަމަށް ކޯޗު މުހައްމަދު ސާޖިދު ފާހަގަކުރިއެވެ.

"ނޭޕާލާ ދެކޮޅަށް މިއަދު މި ނުކުންނާނީ، އެއީ ކިހާ ފެންވަރެއްގެ ބައެއްކަން ދަނަގެން. މިފަދަ މުބާރާތްތަކުގައި ދަށް ފެންވަރުގެ ޓީމުތަކެއް ވާދައެއް ނުކުރާނެ. ނޭޕާލުގެ ޓީމުގައިވެސް އެބައޮތް ވަރުގަދަ ސްކޮޑެއް. އެހެންނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ނޭޕާލް ބަލިކޮށް، މޮޅަކުން މުބާރާތް ފެށުން." ރާއްޖޭގެ ގައުމީ ވޮލީބޯޅާ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ނޭޕާލް ވަނީ އިއްޔެ މުބާރާތް ހުޅުވައިދިން މެޗުގައި ބަނގްލަދޭޝް އާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން ބަލިވެފައެވެ. ރާއްޖޭގެ ކޯޗު ސާޖިދު ބުނީ މިއަދުގެ މެޗުގައި ޕްރެޝަރު ބޮޑުވަނީ ނޭޕާލް ޓީމަށް ކަމަށާއި، އެއީ މި މެޗުން ނޭޕާލް ބަލިވެއްޖެނަމަ މުބާރާތުން އެޤައުމު ކަޓާނެތީކަމަށެވެ. ސާޖިދު ބުނީ ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން އެޓީމު ކުޅުން ފެނިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި، މި މެޗުގައި ސަމާލުވާނެ ކަންކަން މިހާރު ކުޅުންތެރިންނަށް ކިޔާދީފައިވާނެކަމަށެވެ.

އާ ޓީމެއް ގޮވައިގެން މިފަހަރުގެ މުބާރާތަށް ނުކުންނަ ރާއްޖޭގެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ، މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ހޯދައިގެން ސެމީ ފައިނަލުން ޖާގައެއް ޔަޤީން ކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ތައްޔާރަށްކަމަށެވެ. ކެޕްޓަން ލޯންގޭ ބުނީ މުޅިން އާ ކުޅުންތެރިންތަކެއް ގޮވައިގެން މުބާރާތަށް ނުކުންނަން ޖެހުނަސް، އެކަމުން އެއްވެސް އަސަރެއް ޓީމަށް ނުކުރާނެ ކަމަށާއި، އެކަން ތައިލެންޑަށް ކުރި ޓްރެއިނިންގ ދަތުރުންވެސް ފެނިގެންދިޔަކަމަށެވެ. އަދި މި މެޗަށް ނުކުންނަ އިރު ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ޓީމަށް ސަޕޯޓްކުރަން އައުމަކީ މުޅި ޓީމުގެ ވަރަށް ބޮޑު އެދުމެއްކަމަށް ލޯންގޭ ބުންޏެވެ.

"އާ ކުޅުންތެރިންތަކެއް ގޮވައިގެން ނުކުންނަން ޖެހުނަސް، އެކަމުން މާ ބޮޑު އަސަރެއް ޓީމަކަށް ނުކުރާނެ. ސަބަބަކީ ތައިލެންޑަށް ކުރި ޓްރެއިނިންގ ދަތުރުންވެސް އެކަންފެނިގެން ގޮސްފައިނުވާތީވެ. މިހާރު މިއޮތް އާ ޓީމާއި ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އެބައޮތް." ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުންޏެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ރާއްޖޭ އާއެކު ދެން ހިމެނޭ އަނެއް ދެ ގައުމަކީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ބަނގްލަދޭޝް އަދި ނޭޕާލްއެވެ. ގްރޫޕް ބީ ގައި ހިމެނޭ ޤައުމުތަކަކީ، އުޒްބެކިސްތާން، ތުރުކެމެނިސްތާން އަދި ކްރިގިސްތާންއެވެ.

މުބާރާތް ކުރިޔަށްދާނީ މިމަހުގެ 21-27 ގެ ނިޔަލަށް ބަނގްލަދޭޝްގައެވެ.

ލައިވު ކުރޭތޯ

ލައިވު ކުރޭތޯ