ޚަބަރު

ގެއްލުނު 2 ކުދިން އަދިވެސް ނުފެނޭ- ފެނުނު ކުއްޖާގެ ހާލު ރަނގަޅު


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށްއެރި އުޅެނިކޮށް ގެއްލުނު 3 ކުދިންގެ ތެރެއިން ފެނުނު ކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާގައި ސަލާމަތްވެފައިވަނީ ސ.ހިތަދޫ، އައްވާޒް، އަލީ ރާއިފް(17އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެކުއްޖާ ސަލާމަތްކޮށްފައިވަނީ އާންމު ފަރާތަކުންކަމަށް މައުލޫމާތު ލިބެއެވެ.

މި ޙާދިސާގައި ގެއްލުނު ދެ ކުދިންނަކީ ހިތަދޫ، އޯޝަންވިލާ، އަލީ ފަހުމީ(17އ) އާއި ހިތަދޫ، ހުސްނުމާގެ، މަޔާމިން ޢަލީ (15އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި 2 ކުދިން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އެމްއެންޑީއެފުން މިހާރުވެސް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިފައިވާ ދެ ކުދިން ހޯދުމަށް ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ކޮސްޓް ގާޑުގެ ފާސްޓަރ އިންޓަރސެޕްޓަރ ކްރާފްޓުންވެސް ހަރަކާތްތެރިވަމުންދާކަމަށެވެ.